ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް 41 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ގަރާރުގައި ބުނީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ފިކުރުކުރުމާއި ހިޔާލުފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިދޭ ކަމަށެވެ.
މި ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާއި ހައްގުތަކަށް އިހުތިރާމްކޮށް ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ހައްގުތަކެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާތީ އެފަދަ ކަންކަން ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތެއް ބެލުމަށާއި އެފަދަ މައްސަލަތައް ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ދައުލަތުގެ އިދާރާތަކަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރު ބަލައިގަނެ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ