ޑރ.އަފްާރާޝީމް އަލީ އޭރުގެ ރައްޔިތުންގެ މަޖިލިސް އުނގޫފާރު ދާއިރާގެ މެމްބަރު މެމްބަރު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލެވުނުއިރު އަޅުގަނޑަށް އޮތީ ނިދފައެވެ. އަދާކުރަމުންދިޔައީ ރާއްޖޭގެ ޓީވީ ސްޓޭޝަނެއްގެ ނޫސްވެރިއެއްގެ ވަޒީފާއެވެ. މެދުކެނޑުމެއްނެތި އައި ފޯން ކޯލްތަކާއެކު ނިދީގައި ފޯނު ނެގުމުން ރައްޓިއްސަކު ބުނީ“އަފްރާޝީމް މަރާލައިފި” ކަމަށާއި، “މަރާލާފައި އޮތީ އެގޭ ސިޑިދަށުގައި” ކަމަށާއި “ތިޓީވީން އެކަމުގެ ކަވަރޭޖެއްވެސް ނުގެންނަނީހޭ” އެވެ. އެހުރިހާ ވަގުތަކު ހުރީޝޮކެއްގައެވެ. ފޯނު ބޭއްވިގޮތަށް ސްޓޭޝަން އެކްޓިވްކޮށް ވަގުތުން ކަވަރޭޖް ފެށުމަށްޓަކައި ބިރުންހުރެ ގޭ ސިޑީގެ އެކި އަރި އަރި ބަލަމުން އޮފީހާއި ދިމާއަށްހިނގައިގަތީމެވެ. އެއީ 2012 އޮކްޓޯބަރު 1 ދުވަހެވެ. މިއަދަށް އެހާދިސާއަށް ހަތް އަހަރާއި އެއް މަސްފުރިގެން ކުރިއަށްދާއިރު، މިއަދު ހިނގިކަމެއް ފަދައިންއެބިރުވެރިކަން އިހްސާސްވަމުންދެއެވެ.
މިވީ 7 އަހަރުތެރޭވެސް އެމަރާއިބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަދެކެވި، އެކަމުގެ ފުރިހަމަ ރިޕޯޓެއް ނެރުނުއިރު ސާފުވިވަރަށް މުހިއްމު ދެ ކަމެއް އޮތެވެ. މިއަދު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައްޝޭހު އިމްރާން އަބްދުﷲ އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުސިޔާސީކޮށްފައި ނުކުރާނެކަމެއް ނޯންނާނެކަމެވެ. ހައްސާސް މަރެއްވެސް ސިޔާސީކޮށް، އެކަމާއި ގުޅުންވެސް ނެތް ބަޔަކު “ފްރޭމް ކުރަން ފަސްނުޖެހޭނެ” ކަމެވެ.
މިކަމެއް 2012 ގައި ހިނގިއިރު، ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމެއް ނުގަވާއިދުންވަނީ ފުރޮޅާލާފައެވެ. ވެރިކަމުން ރައީސް މުހައްމަދު ނަޝީދު ދުރުކޮށްފައެވެ. ޝައިހް އިމްރާން ދުވެފައި ގޮސް ހިފީ ދައުލަތުގެ ޓީވީއެވެ. އަބްދުﷲ ރިޔާޒް ދުވެފައި ދިޔައީ ޕިޔޯނު ހެދިގެން އިސްތިއުފާ ސިޓީހިފައިގެންނެވެ. މާލޭ މަގުތައް އިންތިހާއަށް ހަލަބޮލިވި ވަގުތު ހިނގި މަރުގެ އިނގިލި އޭރު ދިއްކުރެވެމުންދިޔައީ އެމްޑީޕީއާއި ދިމާލަށެވެ. އެކަމަށް ފަންޑުކުރީ އެމްޑީޕީގެ ވެރިންކަމަށެވެ.
“އޭނަ (ހުމާމް) އިއުތިރާފު ނުވެ އޭނަ ޖަލުގަ ހުރެ އެމްޑީޕީގެ މީހުންނާއި ގުޅުން ބޭއްވި، އެމީހުންނާއި އެކި ފަހަރުމަތިން ވާހަކަ ދެކެވި، އެމީހުންގެ ލޯޔަރުން އެތަނުން ގެންދެވި، މިހުރިހާ ކަމެއް ހިނގާ އެބައިމީހުންނާ ގުޅުން އޮތްކަން ހުރިހާ ގޮތަކުން ސާބިތުވެ ހުރިހާ ގޮތަކުން ނިމުމަށްފަހުގަ ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތުން މައްސަލަ ފުރިހަމައަށް ކަޝްފުވެ ސާބިތުވެ ހާމަވެ ކޯޓުގަ އިއުތިރާފުވެގެން އެދިޔައީ. މިއަދު އެމްޑީޕީއަށް މިކަމުން ބޯދަމައިގަނެވޭނެ ހަމަ އެއް ގޮތެއް މިދުނިޔެއަކުން ނުފެންނާނެ. މިމައްސަލައިގެ ހުރިހާ ޒިންމާއެއް އެމްޑީޕީގެ އެންމެ މަތީ ފަރާތްތަކުން ނަގަން ޖެހޭކަމަށް އަޅުގަނޑުމެން އެންމެ އިއުތިރާފްވާނެ” އިމްރާން އަބްދުﷲhttps://www.facebook.com/Rannamaari.mv/videos/2179317165660227?sfns=mo
މިއީ އަޅުގަނޑު ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. މއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީއަށްތާއީދުކުރައްވާ ސިޔާސީ ފިކުރުތަކާއެކު ބޭއްވި ސިޔާސީ އެއްވުމެއްގައި ގައުމުގެ ރައްޔިތުންނާއި މުހާތަބްކޮށް އަދާލަތުޕާޓީގެ ރައީސް،މިއަދުގެ ހޯމް މިނިސްޓަރު ދެއްކެވި ވާހަކައެވެ. ރާއްޖޭގެ އެންމެ މަގުބޫލު ފިކުރު، އެމްޑީޕީ ބޮލުގައި މިވަރުގެ އިލްޒާމެއް އިމްރާން އެޅުވިއިރު،އިމްރާނަކީ އަޅުގަނޑުމެން މިދަންނަވާ ޝޭހެކެވެ. އޭރު އިމްރާން ހުރި ސިޔާސީ ވިސްނުމާއި ފިކުރުގައި އިމްރާނަށް ފެނުނީ އެކަން އެމްޑީޕީބޮލުގައި އަޅުވާށެވެ. މިދައްކަނީ ހިކަންޖެއް މަރާލައިގެން އުޅޭ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީޙުގެ މެމްބަރު، ދީނީ އިލްމުވެރިޔާއަނިޔާވެރިކޮށް ރަހުމްކުޑަކޮށް މަރާލާފައި ގޭ ސިޑިދޮށަށް އެއްލާލާފައި އޮތް ވާހަކައެވެ.
އޭގެފަހުން އަނެއްކާ2015 ގައި އިމްރާންގެ ރާގު ބަދަލުވީއެވެ. މިފަހަރު ޔާމީން ބޮލަށެވެ.
“ޑރ.އަފްރާޝީމާގެ މަރާއި ގުޅިގެން ހަތް މީހަކު ހަތް މީހަކު މަރާލާފަ މިބިން މައްޗަށް ވައްޓާލެވުނީ. ކޮބާތޯ ޔާމީނަށް އިނގޭ ހަގީގަތް. ޔާމީންގެ އަމިއްލަ ދުލުން އެތައް ފަހަރަކު ހުމާމްގެ މައްޗަށް ހުކުމްކުރި ދުވަހު ޔާމީން އަމިއްލަ ދުލުން ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ކުރެވުނީމާ ހަގީގީ ގާތިލުން ހޯދަން ފަސޭހަވާނެއޭ. މިހިރީ އަޅުގަނޑު އަތުގަ ޑޮކިއުމެންޓްތައް މިއަދު. ހުރިހާ ޑޮކިއުމެންޓެއް މިހިރީ އަޅުގަނޑު އަތުގަ. މީގެ ފަހަތުގެ ތިބީ ހުސެން ވަހީދާއި އަދީބު.” ކަރުދާސްބޮނޑިއެއް ދައްކަވަމުން 2015 މޭމަމަހު އިމްރާން ހޫރުވަމުން ދައްކަވަމުން ވިދާޅުވަމުން ގެންދެވިއެވެhttps://www.facebook.com/Rannamaari.mv/videos/250547265616042?sfns=mo
އަފްރާޝީމްގެ މަރުގެ ތުހުމަތު 2013 ގައި އެޅުއްވީ އެމްޑީޕީ ބޮލުގައެވެ. އިންތިހާބެއް ކާމިޔާބުކުރުމަށެވެ. 2015 ގައިހައްޔަރުވުމާއިހަމައަށް އަފްރާޝީމްގެ މަރުގެ ތުހުމަތު އެޅުއްވީ ރައީސް ޔާމީންގެ އިސްތަށިފުޅުގައެވެ. ހަމަ އިންތިހާބެއްކާމިޔާބުކުރުމަށްޓައެވެ.
ދެން އޮތީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ވާހަކައެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާާޝީމް އަލީ އަނިޔާވެރިގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުގެ އަޑީގައި ވަނީ ސިޔާސީ ބައެއްގެއަތެއް ކަމަށާއި އެކަން ކޮށްފައިވަނީ 4،000،000ރ. ރުފިޔާ ބަޔަކަށް ހުށަހަޅައިގެން ކަމަށް ފުލުހުން ބުނެފި އެވެ. ޑރ. އަފްރާޝީީމްގެ މަރާ ގުޅިގެން ފުލުހުންކުރިއަށް ގެންދާ ތަހުގީގާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާއަކީ ވަރަށް ބޮޑަށް ބަޔަކު ރާވައިގެން ދުރާލައި ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކޮށްފައިވަނީ ބަޔަކުފައިނޭންސްކޮށްގެން ކޮށްގެންކަމަށެވެ.ކޮމިޝަނާ ވިދާޅުވީ މިކަމުގައި ދީނީ އެއްވެސް ބައެއްގެ އަތެއް އަދި ބޭރުގެ އެއްވެސް ބަޔެއްގެ ބައިވެރިވުމެއްވާކަން މިހާތަނަށްތަހުގީގަށް އެނގިފައިނުވާ ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް. ޑރ. އަފްރާޝީމް އަލީގެ މަރަކީ ދީނީ ބަޔަކު ކުރި ކަމެއް ކަމުގައި ބުނެ ވާހަކަތަކެއް ދެކެވުނު ނަމަވެސް އެފަދަ ބަޔަކާއި އެއްވެސް ގުޅުމެއް އޮތް ކަމެއް މިހާތަނަށް ބެލެވެން ނެތް. އެކަން ކުރުމުން ހަތަރު މިލިޔަން ރުފިޔާ އެކަމަށް ފައިނޭންސް ކުރި ފަރާތުން ދޭނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،“ ކޮމިޝަނާ ވިދާޅުވި އެވެ
މިއީ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މިއަދު ރައްޔިތުންގެ މަޖިލީޙުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްދެއްކެވި ވާހަކަފުޅެވެ. ރިޔާޒް މިވާހަކަފުޅު ދެއްކެވިއިރު، ކުރިއަށް އޮތީ ޑރ. އަފްރާޝީމް އަވަހާވަވުމާއިއެކު ހުސްވެފައިވާ އުނގޫފާރު ދާއިރާގެބައި އިލެކްޝަނެވެ. ބައި އިލެކްޝަން ކާމިޔާބުކުރެއްވީ ޕީޕީއެމް އިންނެވެ.
2012 ގައި އަބްދުﷲ ރިޔާޒަށް ފެނިލެއްވީ އެކަން އެމްޑީޕީ ބޮލަށް ކަނޑާލަންށެވެ. ހައްޔަރުކުރީ އޭރު އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކުގެ ދަނބިދަރިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ދުރަށް ވަޑައިގަތުމަށްފަހު ރިޔާޒުވެސް ނުކުންނެވީ ސިޔާސީ ހިޔަލަށެވެ. މިފަހަރު ޕީޕީއެމްއާއި ދުރަށް،ރައީސް ޔާމީނާއި ދުރަށެވެ. އަނެއްކާވެސް ރާގާއި އަޑު ބަދަލުވެއްޖެއެވެ.
އޮކްޓޯބަރު 22، 2018 ގައި ވީޓީވީގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އެމަނިކުފާނު ދުރަށް ވަޑައިގަތްއިރުއެމައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށާއި، ތަހުގީގުގައި ސީޕީގެ ހައިސިއްޔަތުން ލިބިވަޑައިގެންފައި ހުރި މައުލޫމާތުތަކަކީ ޕަބްލިކްގައި ނުވަތަ ސޯޝަލް މީޑިއާގައިދެއްކޭނޭ ވާހަކަތަކެއް ނޫން ކަމަށް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނުވަތަ ޝަރުއީ ކޯޓެއްގައި ވިޔަސް އަދި ރިޔާސީކޮމިޝަނެއްގައި ނުވަތަ ފުލުހުންގެ މުއައްސަސާގެ ތަހުގީގުގައި ނަމަވެސް އޭރު ލިބިވަޑައިގެންފައި ހުރިހުރިހާ މައުލޫމާތުތައް ހިއްސާކުރައްވަން ތައްޔާރަށްހުންނެވިކަމަށެވެ. ރިޔާޒް ހުންނެވީ ރަނގަޅު “ޕްލެޓްފޯމެއް”ގެ އިންތިޒާރުގައެވެ.
ޑރ އަފްރާޝީމް މަރުގެ މައްސަލައާއި ގުޅިގެން ވަރަށް ގިނަ މައުލޫމާތު ހުންނާނެ. ލިބޭ ހުރިހާ މައުލޫމާތަކީ ސޯޝަލް މީޑިއާގައި ނޫނިއްޔާ ޕަބްލިކޮށް އަޅުގަނޑަށް ދެއްކޭނެ ވާހަކަތަކެއް ނޫން. އަދި އެއީކީ މީޑިއާގައި ދެއްކޭނެ ވާހަކަތަކެއްވެސް ނޫން. ސަބަބަކީ އަދިވެސް އެއީ ކްލޯޒްޑް ކޭސް (ނިމިފައި އޮތް މައްސަލައެއް) ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.” އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
މާތްރަސްކަލާނގެ ކަންކަން އިރާދަކުރައްވާ ތަރުތީބުކުރައްވާ ފުރިހަމަކުރެއްވި މަގު ކިހާ ފުރިހަމަތޯއެެވެ. ތިމަންނާއަތުގަ މިހިރީ ހުރިހާ ހެއްކެކޭ އިމްރާން ވިދާޅުވިއިރު، އިމްރާނާއި ހަވާލުވީ މިމައްސަލަ ބަލާ ފުލުހުންގެ ވެރިޔާގެ މަގާމެވެ. އޭފޯރ ރީމެއް ފުރާ އިމްރާން އަތުގަ ހުރި ޑޮކިއުމެންޓްތައް މިއަދު މިވީ އަސްލެއް ހަގީގަތެއްނެތް މަކަރަކަށެވެ. ބޭޒާރުވެ ނިމިއްޖެވެ. ޑރ.އަފްރާޝީމް އޮކްޓޯބަރު 30، 2012 ގައި ޓީވީއަށް އެރުއްވުމަށް ރޭއްވެވީވެސް އަދާލަތުޕާޓީގެ ވަޒީރެވެ، އަދާލަތު ޕާޓީންނެވެ. އަފްރާޝީމް ޓީވީއަށް އަރުއްވާ “ތައުބާވެވަޑައިގަންވާތަން ބައްލަވަން” ބޮޑު ސްކްރީން އަދާލަތުޕާޓީ އޮފީހުގައި ބަހައްޓަވައިގެން ކުޅި ބަލަން ތިއްބެވީވެސް އިމްރާނުމެންނެވެ، އަދާލަތުޕާޓީންނެވެ. ހުރިހާކަމެއް ކުރައްވާފައި، ޝޭހެއްގެ ތާޖު އަޅުއްވައިގެން ހުރެ ކަރާމާތް ލިބިގެންވާ އިންސާނީ ފުރާނައެއް ތިޔަ ބޭނުންކޮށް ނިންމާލެއްވީ ސިޔާސީ ހަތިޔާރަކަށެވެ. ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ރައްޔިތުން ކުރާ އިހްތިރާމާއި ގަދަރު ކުޑަވަނީ އިމްރާން އަބްދުﷲމެންގެ މިފަދަ ގޮތްކުޑަ އަމަލުތަކުގެ ސަބަބުންނެވެ. މިއަދު އިމްރާންގެ ނަމުގެ ކުރިއަށް މިބޭނުންކުރާ ޝޭހުގެ ބަދަލުގައި ބޭނުންކުރަންވީ “ސިޔާސީ” އެވެ، އާދެ، ޝޭހު އިމްރާނެއް ނޫނެވެ، ސިޔާސީ އިމްރާން އަބްދުﷲއެވެ.
އަފްރާޝީމް މަރު ރިޕޯޓުން ސާފުވީ އިމްރާނަކީ ސިޔާސީ ދޮގު ޝޭހެއް، އަބްދުﷲ ރިޔާޒުގެ އިންޓެގްރިޓީ ސުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ