ވީހާ އަވަހަކަށް ކަނޑުއޮޅި ހުޅުވަން ޗައިނާއިން އީރާނަށް ގޮވާލައިފި

ބަންދުކޮށްފައިވާ ހުރްމޫޒް ކަނޑުއޮޅި ވީއެންމެ އަވަހަކަށް ހުޅުވާލުމަށް ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ގޮވާލައްވައިފިއެވެ.
އީރާނުގެ ހަނގުރާމަ ފެށުނު ފަހުން އީރާނުގެ ހާރިޖީ ވަޒީރު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިއަދު ދެބޭފުޅުން ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި ކަނޑުއޮޅި ހުޅުވަން ޗައިނާއިން އެދިފައިވާއިރު، ހާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ، ދާއިމީ ހަނގުރާމަ ހުއްޓުމަށް ގެނައުމަކީ މިވަގުތަށް އެންމެ އިސްކަމެއް ދެއްކާ ކަންތައް ކަމަށާއި، މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކަނޑުއޮޅީގެ މައްސަލައިގައި، ބައިނަލްއަގްވާމީ މުޖުތަމައުން އެންމެ ބޮޑަށް އެދެނީ ރައްކާތެރިކަމާއެކު އާންމު ދަތުރުފަތުރު އަލުން ފެށުމަށް ކަމަށާއި، އެ ގޮވާލުންތަކަށް ކަމާބެހޭ ފަރާތްތަކުން އަވަހަށް އިޖާބަދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، އަލުން ހަމަނުޖެހުންތައް ފެށުމަކީ އެއްވެސް ފަރާތަކުން އެދޭނެ ކަމެއް ނޫން ކަމަށް ވާންގް ޔީ ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، މަސްރަޙު ފިނިކުރުމަށް އެހީތެރިވުމަށް ބެއިޖިންގް އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަނގުރާމައިގެ ތެރެއިން ޗައިނާއިން ދަނީ ސީދާ ހަނގުރާމައިގެ ތެރެއަށް ނުވަދެ، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާ ކުރުމަށް ބެއިޖިންގް އިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
މިދިޔަ އޭޕްރީލް މަހު ޕާކިސްތާނު މެދުވެރިވެގެން ގެނައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ގައުމުން އަމަލުކުރަން ފެށުމުގައި ޗައިނާގެ ދައުރު ބޮޑުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ އޮފިޝަލުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އީރާނުން ވެފައިވާ ވައުދަށް ޗައިނާއިން ތައުރީފު ކުރާ ކަމަށް ވެސް ވާންގް ޔީ ވިދާޅުވިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއާއި އީރާނާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އަރާޗީ ވަނީ ދެއްވާފައެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ސިޔާސީ ގުޅުމަކީ މި ސަރަހައްދުގެ ހަމަޖެހުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ދެ ބޭފުޅުން ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހުރަސްކުރާ ހުރްމޫޒް ކަނޑުއޮޅި ވަނީ އެމެރިކާއާއި އީރާނުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ގާތްގަނޑަކަށް ބަންދުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 20 މިލިއަން ފީފާގެ ތެޔޮ މި ކަނޑުއޮޅިން އުފުލައެވެ. މިއީ ދުނިޔޭގެ ކަނޑުމަގުން ކުރާ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 25 އިންސައްތައެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ "ޒިންމާދާރުކަން ކުޑަ އަދި ނުރައްކާތެރި" ފިޔަވަޅެއް ކަމަށް ޗައިނާއިން ވަނީ ސިފަކޮށްފައެވެ. އަދި އެއީ ނާޒުކު ފައްތަރެއްގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ގެއްލުންދެނިވި ކަމެއް ކަމަށް ވެސް ޗައިނާއިން ބުނެފައިވެއެވެ. ޗައިނާއަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުވެސް އީރާނުން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމެވެ.
ސެންޓާ އޮން ގްލޯބަލް އެނާޖީ ޕޮލިސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޗައިނާއިން ވަނީ ދުވާލެއްގެ މައްޗަށް 1.38 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އީރާނުން އެތެރެކޮށްފައެވެ. މިއީ ޗައިނާއަށް އެތެރެކުރި ޖުމްލަ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 12 އިންސައްތައެވެ. މި ސަބަބަށްޓަކައި، ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ޗައިނާގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
ޗައިނާއިން އީރާނުގެ ތެލަށް ބަރޯސާވި ނަމަވެސް، ޝީ ޖިންޕިންގް އަމަލުކުރައްވަމުން ގެންދަވަނީ ވަރަށް "އިހްތިރާމާއެކު" ކަމަށް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ. އަދި ޗައިނާގެ ފަރާތުން އެމެރިކާއަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާ ކަމަށާއި، އޭނާ ހުންނެވުމުން ޝީ އެމެރިކާއާ ކުރިމަތިނުލައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ލީޑަރުންގެ މި ބައްދަލުވުމަކީ ފުރަތަމަ މާޗު މަހު ބޭއްވުމަށް ތާވަލުކުރެވުނު ބައްދަލުވުމެކެވެ. ނަމަވެސް އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މި ބައްދަލުވުން ވަނީ ފަސްކުރެވިފައެވެ. ކުރިއަށް އޮތް ހަފްތާގައި ޓްރަމްޕް ޗައިނާއަށް ވަޑައިގެންފިނަމަ، އެ ދަތުރުފުޅު ވެގެންދާނީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.
މި ސަމިޓުގައި ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް، ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް ރައްކާތެރިކަން ކަށަވަރުވެ، ދުނިޔޭގެ ތެލުގެ ބާޒާރަށް ހަމަޖެހުން އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ