ޕީއެސްއެމްއިން އިންތިޒާމުކުރާ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ

ޕީއެސްއެމްއިން އިންތިޒާމްކުރާ މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާއެކު އޭޝިއާ މީޑިއާ ސަމިޓަށްފަހު ކުޑަގިރީގައި ކުރިއަށްގެންދާ ހަރަކާތްތަކަށް އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސަނީ ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއިންނެވެ.
މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޑިރެކްޓަރ ކޯޕަރޭޝަން ސޯޝަލް ރެސްޕޯންސިބިލިޓީ ހުސައިން ޝަހީދެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ކުޑަގިރީގައި ބާއްވާ ހަރަކާތްތަކަކީ ސަމިޓު ނިންމުމަށްފަހު ބާއްވާ ޚާއްސަ ހަރަކާތްތަކެއްކަމަށެވެ. ކުޑަގިރީގައި މުރަކަ އިންދުމުގެ ހަރަކާތްތަކެއް ކުރިއަށްދާއިރު މި ހަރަކާތްތަކަކީ އެޗްޑީސީގެ ވަރަށް ބޮޑު ހިއްސާއެއް އޮތް މަސައްކަތެއްކަމަށް ޝަކީބް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވިގެންދާނެ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމްޑީ ޝަކީބް ފާހަގަކުރެއްވިއެވެ.
"އާންމުގޮތެއްގައި މިގޮތަށް މި ބޭއްވޭ ސަމިޓްތަކުގެ ބައިވެރިން ގަސްއިންދުން ފަދަ ކަންކަން ކުރާ ފަދައިން އަޅުގަނޑުމެންގެ ފޯކަސް ބޮޑަށް މި ގެންދަނީ މުރަކަ އިންދުމާއި ބެހޭގޮތުން. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގައި މުރަކަ އާލާކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއްކަމަށް އަޅުގަނޑުމެންނަށް ފެންނާތީއާއި އެކީގައި މިކަހަލަ ސަމިޓެއް ބާއްވާއިރުގައި ދުނިޔޭގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން މެދުވެރިކޮށް ދުނިޔެއަށް އަޅުގަނޑުމެން ދައްކަން ބޭނުންވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގައި އަޅުގަނޑުމެންގެ ފެންވަރުގައި އަޅުގަނޑުމެން ކުރާ ކަންތައްތައް. އެހެންވީމަ އޭގެތެރޭގައި ވަރަށް މުހިންމު ކަމެއްކަމަށް އަޅުގަނޑުމެން ބަލަނީ މިކަންތައް." އެމްޑީ ވިދާޅުވިއެވެ.
އެޗްޑީސީގެ އެކްޓިންގ ޑިރެކްޓަރ ކޯޕަރޭޝަން ސޯޝަލް ރެސްޕޯންސިބިލިޓީ ހުސައިން ޝަހީދު ވިދާޅުވީ، އޭޝިއާ މީޑިއާ ސަމިޓު ފަދަ ބޮޑު ސަމިޓެއް ނިމިގެންދާއިރުގައި ކުޑަގިރި ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް ގެނެސްފިނަމަ އެރަށް ޕްރޮމޯޓްކުރުމަށް ވަރަށް ބޮޑު ފުރުޞަތެއް ލިބިގެންދާނެކަމަށެވެ. ގަސްއިންދުމުގެ އިތުރުން މޫދުގެ ދިރުންތައްވެސް އާލާކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެއަށް ގެނައި ފުރަތަމަ ޑޯނިއާ ފްލައިޓްތައް އަޅުގަނޑުމެން ވާނީ މީގެ 6އެއްކަ މަސް ކުރިން ފައްތާފައި ކުޑަގިރީގެ ފަޅުތެރެއަށް. ކުޑަގިރީގެ ފަޅުތެރެއަށް މި ފެއްތިފަހުން އަޅުގަނޑުމެން އެބަޖެހޭ އެ އެތާނގައި ހަމަޖެހިލާނެ ފުރުސަތުތަކެއް ދޭންޖެހޭ. އެއަށްފަހުގައި އަޅުގަނޑުމެންނަށް މުރަކަ އިންދަން ފެށިގެން މިދަނީ. މިހާރު އެ ވަގުތު މިވަނީ ގޮސްފައި. ސަމިޓާއި އެކީގައި އެ ވަގުތު ނިމުނުހާ ހިސާބުގައި މި ކުރިއަށްދަނީ އެހެންވީމަ އަޅުގަނޑުމެންނަށް ފެނުނީ މި ވަގުތަކީ ކޮންމެހެން ޕީއެސްއެމްއާއި ގުޅިގެން ކުޑަގިރީގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފަށަންވީ ވަގުތުހެން އަޅުގަނޑުމެންނަށް ފެނުނީ. އެ ފުރުޞަތު އަޅުގަނޑުމެން މި ހިފަނީ." އޭނާ ވިދާޅުވިއެވެ.
އޭޝިއާ މީޑިއާ ސަމިޓު އޮންނާނީ މިމަހުގެ 11އިން 14އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިސަމިޓުގެ މިއަހަރުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ.
މިމަހުގެ 11ވަނަ ދުވަހު ކުރިއަށްދާނީ ޕްރީ ސަމިޓު ވާރކްޝޮޕްތަކެވެ. ޕްރީ ސަމިޓުގެ 5 ވާރކްޝޮޕެއް ކުރިއަށްދާނެއެވެ. އޭޝިއާ މީޑީއާ ސަމިޓް ރަސްމީގޮތުން އިފްތިތާޙުކުރާނީ މިމަހުގެ 12ވަނަ ދުވަހުއެވެ.
އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބޭއްވުމުގެ އެންމެ ފަހުގެ އިންތިޒާމްތައް ޕީއެސްއެމުން މިހާރު ދަނީ ކުރަމުންނެވެ. އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ 200 އަށްވުރެ ގިނަ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ