އަބްދުﷲ ރިޔާޒް މާސްކް އެޅުއްވީ އެކޮޅު ކޮޅުން!

ކޮވިޑް-19 ގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް މާލެ ގޮސްފައި އޮތް ދަނޑިވަޅެއްގައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ލޮކްޑައުން ކޮށްފައިވަނިކޮށް ކޮޅުމަޑުލު ތިމަރަފުށިން ފުރާވަޑައިގެން ކަނޑުމަގުން ދަތުރު ކުރައްވާ، މެމްބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގަތުމުން އެތައް ބައެއްގެ ނުރުހުން އޭނާ އަށް އަމާޒު ވެގެން ދިޔައެވެ.
މާލެ ނާދެވި ޙާލުގައި ޖެހިފައި ތިބި އެތައް ބައެއްގެ ހިތްދަތި އިހުސާސަށް ވިސްނެވުމެއްނެތި، މެމްބަރު އަބްދުﷲ ރިޔާޒް، އޭނާގެ މި ތާރީޚީ ދަތުރުފުޅުގެ ވާހަކަ އަމިއްލަފުޅު ޓްވިޓަރ އެކައުންޓް މެދުވެރިކޮށް އާއްމު ކުރެއްވި އިރު، އޭނާ ލިޔުއްވާފައިވަނީ ހިތްގައިމު ފަތިހު ވަގުތުގަ ރަށުން ފުރުއްވައިގެން އިރުމެދު ނުޖެހެނީސް މާލެ ވަޑައިގެންނެވިއްޖެ ކަމުގައެވެ. އެ ލިޔުއްވުމާ އެކީ ދަތުރުފުޅު މަތީގައި އޭނާ އިންނެވި ފޯޓޯއެއްވެސް ހިމަނުއްވާފައިވެއެވެ.
ފޮޓޯގައި ރިޔާޒް ފެންނަނީ، މާލޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތާ ނުހަނު ގުޅޭ ގޮތައް ތައްޔާރުވެވަޑައިގެން، ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ބާވަތުގެ މާސްކެއް އަޅުއްވައިގެންނެވެ.
ފެބްރުއަރީ 7 ގައި އޭރު އޮތް ގާނޫނީ ވެރިކަން ވައްޓާލުމަށްފަހު އުފެދުނު ސަރުކާރުގެ ޕޮލިސް ކޮމިޝަނަރ ކަން ވެސް އަދާ ކުރެއްވި، އަބްދުﷲ ރިޔާޒް މާސްކް އަޅުއްވައިގެން ލޯންޗް ކޮޅުގައި އިންނެވި ފޮޓޯ ސޯޝަލް މީޑިއާގައި، އިންތިހާގެ ނުރުހުމާއެކު މީހުން ދައުރު ކުރަމުން ގެންދިޔަ އިރު، އަޅައި ނުގަތް އެހެން ކަމެއް މިހާރު ފެންމަތި ވެއްޖެއެވެ. އަބްދުﷲ ރިޔާޒް ފޭސްކް މާސްކް އެޅުއްވި އިރު މާސްކް އޮތީ އެކޮޅުކޮޅުންނެވެ. އަދި މާސްކުގެ އެތެރެފަރާތް އޮތީ ބޭރަށެވެ.
މިކަން މި ދިމާވީ، ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން މާސްކް އަޅާ ނަމަ، މާސްކް އަޅަންވާ ގޮތައް ނާޅައިފި ނަމަ މާސްކުން އެއްވެސް ފައިދާ އެއް ނުކުރާނެ ކަމަށް ވިދާޅުވެ، ސިއްހީ މާހިރުން އާއްމު ހޭލުންތެރިކަން އިތުރު ކުރުމަށް އެތައް މަސައްކަތެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.
ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ކުރައްވާ އަބްދުﷲ ރިޔާޒްގެ ފޮޓޯ ގައި ނުބައިކޮށް ފޭސް މާސްކް އަޅުއްވައިގެން އިންނެވިކަން ފާހަގަ ކުރައްވާ، ސިއްހީ ތަޖުރިބާކާރެއް ކަމަށްވާ ޑޮކްޓަރ މުހައްމަދު އަޝްރަފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަނގަޅަށް މާސްކް އަޅާ އިރު ކުލަ ގަދަ ފަރާތް އޮންނަންވާނީ ބޭރުފުށަށް ވާގޮތައް ކަމަށާއި، އަދި މާސްކްގެ މަތީ ކައިރިފަށް ނޭފަތްމަތިން ދާ އިރު ހުންނަންޖެހޭނީ ނޭފަތައް ރަނގަޅަށް ހިފައިފައި ކަމަށެވެ. ނޫންނަމަ، މާސްކުން ރައްކާތެރި ކަން ލިބޭނެ ކަމަށް ބެލުމަކީ ކުރެވޭ ކުށް ހީއެއް ކަމަށް ޑރ. އަޝްރަފް ވިދާޅުވެފައިވެއެވެ.
އަބްދުﷲ ރިޔާޒްގެ މާސްކް އަޅުއްވާފައިވާ ގޮތް ފާޅުވާ ގޮތައް ފޮޓޯ އާއެކު ޑރ. އަޝްރަފް ކުރެއްވި ޓްވީޓްގައި ތުހުމަތު ކުރެއްވި ގޮތުގައި މެމްބަރު ރިޔާޒް މާސްކު އަޅުއްވާފައިވަނީ، އެކޮޅު ކޮޅުންނެވެ. އަދި އޭނާ މާސްކް އަޅުއްވައިގެން އިންނެވީ މާސްކްގެ ބޭރުފުށް އެތެރެއަށް ވާ ގޮތަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މާލެއަށް އަރާ ފޭބުން މަނާ ކޮށްފައިވަނި ކޮށް އަދި މި ފުރަ ބަންދުގެ ސަބަބުން އެތައް އާއިލާތަކެއް އެތައް މިތާނގައި ވިއްސި ވިހާލިވެފައިވާ ދަނޑިވަޅެއްގައި އޭޕްރީލް މަހުގެ 26 ވީ އާދިއްތަ ދުވަހު، ރިޔާޒް މާލެ އެރުއްވީ ފުލުހުންގެ ތެރެއަށް ނުފޫޒް ފޯރުވައިގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް ރިޔާޒް ގެންދަވަނީ އެކަން ދޮގު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ