ފީފާ އަށް މައްސަަލަ ހުށަހެޅުމުން އިރާނަށް އެމެރިކާގެ ދަތުރުތަކުން ލުޔެއް ދެނީ

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - މެކްސިކޯގައި ކޭމްޕް ކޮށްގެން ތިބުމަށް ފަހު، މެޗުތަކަށް އެމެރިކާ އަށް ދިއުމުގައި އިރާން ގައުމީ ޓީމަށް ހުރި ގޮންޖެހުންތަކާ ގުޅިގެން ފީފާ އަށް ހުށަހެޅި މައްސަލައާ ހެދި، އެމެރިކާ އިން އިރާނުގެ ދަތުރުފަތުރުުގެ ކަންކަމަށް ލުޔެއް ދޭން ނިންމައިފި އެވެ. 
ފެބްރުއަރީ މަހު، އިޒްރޭލާއި އެމެރިކާ އިން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އިރާނުން ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށް އަޑުފެތުރުނު ނަމަވެސް ފަހުން އެ ނިންމުން ވަނީ ބަދަލުކޮށް، ފީފާ އިން ވެސް މަޝްވަރާކޮށް ދިން ޔަގީންކަމާ އެކު ވޯލްޑް ކަޕްގައި ކުޅެން އިރާނުން ނިންމީ އެވެ. 
މިދިޔަ ހަތަރު ވަރަކަށް މަސް ތެރޭގައި ނަފްސާނީ ގޮތުން، އިރާން ކުޅުންތެރިންނަށް ވޯލްޑް ކަޕަށް ތައްޔާރުވުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ހާއްސަކޮށް، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އެމެރިކާގައި ކުޅެން ޖެހޭއިރު، އިރާނުން ކޭމްޕް ކޮށްގެން ތިބީ މެކްސިކޯގަ އެވެ.
ކޮންމެ މެޗެއް ނިންމާފައި، އެނބުރި މެކްސިކޯ އަށް ދާ ގޮތަށް އެމެރިކާ އިން އިރާނަށް އަންގާފައިވާއިރު، ޓީމުގެ ބައެއް ފަރާތްތަކަށް ވިސާ ނުލިބި މަޑުކުރަން ވެސް ޖެހުނެވެ. އެ ގޮތުން، ވޯލްޑް ކަޕްގައި މި ފަހަރު އިރާނުން ކުޅުު ފުރަތަމަ މެޗުގައި ނިއު ޒީލެންޑާ 2-2 އިން އެއްވަރުވިއިރު، އެ މެޗު ނިމުނުތާ ގިނަ އިރުތަކެއް ނުވެ، އެމެރިކާ އިން ފައިބަން އިރާން ޓީމަށް އެންގި އެވެ. އެކަމަކަށް، ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
އިރާން ޓީމުގެ ފަރާތުން ބުނެފައިވަނީ، ފީފާއާ އެކު މަޝްވަރާ ކުރެވުނު ގޮތާ ހިލާފަށް އެމެރިކާ އިން އިރާނަށް ދަތުރުފަތުރު ކުރުމުގައި ދަތިކުރަމުން އަންނާތީ އިރާނުން ވަނީ ރަސްމީކޮށް ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ގޮތުން، އިރާނުން ހުށަހަޅާފައިވަނީ މެޗު ދުވަހުގެ ދެ ދުވަސް ކުރިން އެމެރިކާ އަށް ދެވޭނެ އިންތިޒާެމެއް ހަމަޖައްސައިދިނުމަށެވެ. 
އެހެން ނަމަވެސް، އެމެރިކާ އިން ވަނީ އެ ހުށަހެޅުން އަނބުރާ ފޮނުވާލައި، މެޗުގެ އެްއް ދުވަސް ކުރިން، އެމެރިކާ އަށް އެތެރެވުމުގެ ހުއްދައެއް އިރާން ޓީމަށް ދޭން ނިންމައިފަ އެވެ. އެކަމަކު، ކުރިއެކޭ އެއްގޮތަށް މެޗު ނިންމުމަށް ފަހު، އެ ދުވަހު، އެނބުރި މެކްސިކޯ އަށް ދިއުމަށް އިރާން ޓީމަށް ވަނީ އަންގައިފަ އެވެ. 
އެއީ، ކުރިއަށް އޮތް ބެލްޖިއަމް އާއި މިސްރު މެޗުގައި ވެސް އިރާނަށް ހަމަޖެހިފައި އޮތް ގޮތް ކަމަށް އެެމެރިކާގެ ސަރުކާރުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. އެކަމަކު، އިރާނުން އަންނަނީ އަދިވެސް މި ކަމުގައި އިތުރު ލުއިތަކެއް ހޯދަން ފީފާއާ އެކު ވާހަކަ ދައްކަމުންނެވެ. 
އިރާނުން ދެން ކުޅޭ މެޗުގައި އާދިއްތަ ދުވަހު ބެލްޖިއަމާ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ