ސިންގަޕޫރުން އެއް ދުވަހުން 942 މީހުން ޕޮޒިޓިވް، ގިނައީ ބިދޭސީ މަސައްކަތު މީހުން

ސިންގަޕޫރު (އެޕްރީލް 18) - ސިންގަޕޫރުން މިއަދު އެކަނި 942 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިއީ އެއް ދުވަސްތެރޭ ސިންގަޕޫރުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި ގިނަ މީހުންނަކީ ބިދޭސީ މަސައްކަތު މީހުންނެވެ. ސިންގަޕޫރުގެ ރައްވެހިންގެ ތެރޭން މިއަދު ޕޮޒިޓިވްވީ 14 މީހުންނެވެ.
ވޭތުވެދިޔަ ދެތިން ދުވަސްތެރޭ ސިންގަޕޫރުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވާން ފަށައިފަ އެވެ. ހޯމަ ދުވަހު 386 މީހުން ޕޮޒިޓިވްވިއިރު އަންގާރަ ދުވަހު ވަނީ 334 މީހުން ޕޮޒިޓިވްވެފަ އެވެ. އަދި ބުދަ ދުވަހު ވަނީ 447 މީހުން ޕޮޒިޓިވްވެފަ އެވެ. ހެލްތު މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހު ވަނީ 728 މީހުން ޕޮޒިޓިވްވެފައި ކަމަށެވެ.
ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ސިންގަޕޫރު މީހުން ބޭރަށް ދާނަމަ މާސްކް އެޅުން މަޖްބޫރުކޮށް މާސްކް ނާޅާ މީހުން 300 ސިންގަޕޫރު ޑޮލަރު (200 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރަން ވަނީ ނިންމައިފަ އެވެ.
ޗައިނާގައި މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު އެ ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ. ރޯގާ ކޮންޓްރޯލް ކުރުމުގައި ސިންގަޕޫރުން ވަނީ ނަމޫނާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް ޑޯމިޓަރީތަކުން ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން މިހާރު ވަނީ ދެ ވަނަ ރާޅެއްގެ ބިރު ބޮޑުވެފަ އެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބައިބޯ ޑޯމިޓަރީތަކުން ބިދޭސީން ނެެރެން ފަށައިފަ އެވެ. ބިދޭސީ މަސައްކަތްތެރިން މިހާރު ދަނީ ސިފައިންގެ ބެރެކްސް އާއި ހުސް އެޕާޓްމަންޓް ފަދަ ތަންތަނަށް ބަދަލު ކުރަމުންނެވެ.
ސިންގަޕޫރުގެ 43 ޑޯމިޓަރީގައި 200،000 އަށް ވުރެ ބިދޭސީ މަސައްކަތު މީހުން އުޅެ އެވެ.
ސިންގަޕޫރުން މިހާތަނަށް ވަނީ 5,992 މީހުން ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ