ތިން ދުވަހުން އެއް ދުވަހު، ކޮންމެ ގެއަކުން އެކަކަށް 1 ގަޑިއިރަށް ނުކުމެވޭނެ: ޕޮލިސް

ކޮރޯނާވައިރަސް ފެތުރޭތީ މާލެ ބަންދުކޮށްފައި އޮންނަ އިރު، ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތުމަށް، ކޮންމެ ތިން ދުވަހަކުން އެއް ދުވަހު، ކޮންމެ ގެއަކުން ވެސް އެކަކަށް އެއް ގަޑިއިރުގެ ފުރުސަތެއް ދޭން ފުލުހުން ނިންމައިފި އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ މާދަމާ އިން ފެށިގެން ކޮންމެ ގެއަކުން ވެސް އެކަކަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ ކަމަށާއި އެކަމަށް ހާއްސަ ފޯމެއް ފުރަންޖެހޭނެ ކަމަށެވެ.
ޕޮލިސްގެ ޕޯޓަލް އިން އެ ފޯމު ފުރުމަށް ފަހު، އޭގައި އިންނަ ނަންބަރަކަށް ކިޔޫއާރު ކޯޑެއް ފޮނުވާނެ އެވެ. އެ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭނީ ވަކި ސަރަހައްދަކަށް ކަމަށާއި އެކަމަށް އެދޭ ފަރާތަށް އެއީ ކޮން ސަރަހައްދެއްކަން އެނގޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ. ކިއޫއާރު ކޯޑު ސްކޭން ކުރުމުން، އެމީހަކަށް ހުއްދަ ދީފައިވާ ސަރަހައްދު ފުލުހުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ މިހާރު މިއޮތް ހާލަތުގައި ގެއިން ނުކުމެ ބޭރުގައި އުޅޭ އުޅުމަށް ކޮންޓްރޯލެއް ގެންނަން ޖެހޭތީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު، ކޮންމެ ގެއަކުން ވެސް ބޭރަށް ނުކުމެ ކުރަންޖެހޭ ކަންކަން ކުރުމަށް ގަޑިއިރެއްހާ އިރުގެ ފުރުސަތެއް ދިނުމުގެ ގޮތުން. މި ގޮތަށް ހެދީމަ މަގުމަތީގައި ކޮންމެ ވެސް އުޅޭ މީހުން ގައިމު ވެސް މަދުވެގެން ދާނެ ސޯޝަލް ޑިސްޓެންސިންއާ ފިހާރަތަކަށް ވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ފައިރޫޝް ވިދާޅުވި އެވެ.
ފުލުހުން މީގެ ކުރިން ވެސް ވަނީ، ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުތުމުގެ ކުރިން އެ އިދާރާއަށް އަންގަން އެދިފަ އެވެ. ޒަރޫރީ އެކި ބޭނުންތަކުގައި މިފަހަރު ބޭރަށް ނުކުތުމަށް ވެސް ރަޖިސްޓްރީވާންޖެހޭނީ ޕޮލިސް ޕާމިޓް ޕޯޓަލް އިންނެވެ.
ފައިރޫޝް ވިދާޅުވިގޮތުގައި ބޭރަށް ނުކުމެ އުޅުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމުން މާލެ 26 ޒޯނަކަށް ބަހާލަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ބަހާލިއިރު، މާލޭގެ އާބާދީއަށާއި ފިހާރަތައް ހުރި ނިސްބަތަަށް ބަލައި ބޭނުންވާ އެއްޗެހި ފަސޭހައިންލިބޭނެ ގޮތަށް ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.
ވިޔަފާރިތަކަށާއި އޮފީސްތަކަށް ދާ މީހުންނަށް ވެސް މީގެ ކުރިން ހުއްދަ ދީފައިވާ ކަމަށާއި ނަމަވެސް އަލަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެ ފިހާރައަކުން ނުވަތަ އޮފީހަކުން، އެ ތަނެއްގެ މުވައްޒަފުން ދާން އޮންނަ ޑިއުޓީގެ މައުލޫމާތު ހިއްސާކުރުމުން، އެ ޑިއުޓީއަކަށް ޝެޑިއުލަށް ބަހާލައިގެން ހުއްދަ ދޭނެ ކަމަށް ވިދާޅުވި އެވެ.
އެ ބަދަލުގެ ސަބަބުން ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށާއި ނަމަވެސް ބޭނުމަކީ އެއްފަހަރާ މަގުމަތީގައި އުޅޭ މީހުންގެ އަދަދު މަދުކޮށް ކޮންމެހެން ނުކުންނަންޖެހޭ މީހުން އެކަނި މަގުމަތީގައި އުޅޭނެގޮތް ހެދުން ކަމަށް ވިދާޅުވި އެވެ.
"މިހާތަނަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފިން މި ލެވެލްގައި ކޮންޓްރޯލް މެޝާސްތ ނުގެނެސް، މަގުމަތި ކޮންޓްރޯލްކުރަން. އެހެން ނަމަވެސް ބޮޑަށް ވިސްނީ ޑެލިވަރީ ސިސްޓަމް އިތުރަށް ހަރުދަނާކޮށްގެން މިކަން ކުރުމަށް ކަމަށް،" ފައިރޫޝް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް ފާހަގަވީ މިހާތަނަށް 2688 ފަރާތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ފުލުހުން އިޝޫ ކުރެވި އަދި މީގެ އިތުރުން އާއްމު ބައެއް ކަހަލަ ހިދުމަތްތަކަށް ވެސް ފުރުސަތު ދެވިފައި އޮތް އިރު ވެސް މަގުމައްޗަށް ނުކުންނަންޖެހޭ މީހުން ހަމަ އެކިއެކި ބޭނުންތަކުގައި ނުކުންނަންޖެހޭކަން ކޮންމެހެން ގަންނަން ބޭނުންވާ ތަކެތި ގަތުމަށާއި އެހެން ކަންކަމަށް. އެހެންވެ ކޮންމެހެން ނުކުންނަން ޖެހޭ ނުކުތުމަށް ވެސް ކޮންމެ ވެސް ވަރެއްގެ ކޮންޓްރޯލް ސިސްޓަމެއްގެ ތެރެއިން ނުކުމެވޭގޮތް ހެދުން އެއީ އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ،"
ކޮރޯނާވައިރަހަށް ޕޮޒިޓިވް ބަޔަކު މާލޭން ފެނުމާ އެކު މާލެ ސަރަހައްދު މިހާރު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. މިދިޔަ 48 ގަޑިއިރު ތެރޭގައި މާލޭން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް 15 މީހުން ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ