ކަރަންޓީނުގައި ފޫހިފިލުވާލަން ކޮޑަކްގެ "ހަދިޔާއެއް"

ކޮރޯނާވައިރަހުގެ ހާސްކަމުގެ ތެރޭގައި ބަންދުވެގެން ހުންނަން ޖެހުމުން ވާ ފޫހިކަން ފިލުވައިދޭން ކޮޑަކް ކުންފުނިން "ހަދިޔާއެއް" ދީފި އެވެ.
އެ ކުންފުނީގެ ވެބްސައިޓުންނާއި އެމެޒޯނުން ވެސް ވިއްކަމުން އަންނަ މި "ހަދިޔާ" ސިފަކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ޖިގްސޯ ޕަޒްލްގެ އެވެ. މިއީ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންތަކެއް ނަގާފައިވާ އާދަޔާހިލާފު މޮޅު ރީތި ފޮޓޯތަކެއް ރޫޅައިލައިލުމަށް ފަހު ރާވައިލަން ޖެހޭ ގޭމެކެވެ. އެގޮތުން މީގައި ދުނިޔޭގެ އަޖައިބުގެ ގޮތުގައި ހިމެނޭ 27 ތަނެއްގެ ފޮޓޯތައް ހުންނާނެ އެވެ. އަރަތުގައި 51،300 އެތިކޮޅު އޮންނާނެ އެވެ. މުޅި ތަސްވީރު އެއްކޮށް ފުރިހަމަކޮށްލުމުން ބޮޑު މިނުގައި 178.125 ފޫޓް ހުންނާނެ އެވެ. ފުޅާ މިނުގައި 28.5 ފޫޓާއި ދިގުމިނުގައި 6.25 ފޫޓެވެ.
ކުރަން ޖެހޭނެ ކަމަކީ އެތިއެތިކޮޅުތައް އަތުރާލައިގެން ފޮޓޯތައް ފުރިހަމަ ކުރުމެވެ. މި އަރަތް އެމެޒޯނުން ވިއްކަނީ 409.99 ޑޮލަރު (6,322ރ.) އަށެވެ. ކޮޑަކްގެ ވެބް ސައިޓުން ގަންނަ ނަމަ އަގު ތަންކޮޅެއް ބޮޑެވެ. އަގަކީ 599.99 ޑޮލަރު (9,251ރ.) އެވެ.
ބައެއް މީޑިއާތަކުން ބުނީ މިފަދަ ދަތި ވަގުތެއްގައި ގަނެލަން މިއީ ތަންކޮޅެއް އަގު ބޮޑު އެއްޗަކަށް ވިޔަސް، ޑިމާންޑް ކުޑައެއް ނޫން ކަމަށެވެ. އެގޮތުން އެމެޒޯނުންގެ ސްޓޮކް މި ވަގުތު އޮތީ އެންމެ 16 ވަރަކަށް ޕަޒްލް ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ