ހުކުމަށް ތަބާވުމުގެ ގޮތުން ފޯނު ބިލުގެ ފައިސާ ދައުލަތަށް ދައްކައިފިން: އަސްލަމް

ފޯނު ބިލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނެކަމަށް ގަބޫލުނުކުރާ ކަމަށާއި ނަމަވެސް ކޯޓުން ކުރި ހުކުމަށް ތަބާވުމުގެ ގޮތުން އެ ފައިސާ ދައުލަތަށް ދައްކަވައިފި ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިއަދު "ސަން" އަށް ވިދާޅުވީ އެ ފައިސާ އަކީ އޭނާ ދައްކަން ޖެހޭ ފައިސާ އެއްކަމަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ކޯޓުގެ ހުކުމަށް ތަބާވުމުގެ ގޮތުން އިއްޔެ އެ ފަައިސާ ދައްކާފައިވާކަމަށެވެ. އަސްލަމް ވިދާޅުވީ ފޯން ބިލް ދައުލަތުން ދެއްކީ ޕާމަނަންޓް ސެކްރެޓަރީގެ އެންގުމަށް ކަމަށެވެ. އެއީ މިނިސްޓަރުންނަށް ކުރީއްސުރެ އޮންނަ އުސޫލު ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/107901 އަސްލަމްގެ ފޯނު ބިލަށް 312،928 ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެފައި ވަނީ އޮޑިޓާ ޖެނެރަލް ނެރުއްވި ހައުސިން އެންޑް އެންވާރަމެންޓް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އަސްލަމްގެ މޯބައިލް ފޯނު ބިލަށް 312،928 ރުފިޔާ އެ މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ކަމަށެވެ. އަސްލަމް ފޯން ބިލް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަލުއްވާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމުގައި ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު ގާނޫނާ ޚިލާފަށް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ ކޮންސޮލިޑޭޓްޑް ރެވެނިއު ފަންޑަށް ޖަމާކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ