ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނީ އިމުން ބޭރުން ހައްޔަރުކޮށްފައިވާތީ އެކަން ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފިއެވެ.
ގުޅިފައިވާ ޕާޓީތަކުން މިއަދު ހެނދުނު ވަނީ އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސް އަދި ނާއިބް ރައީސް ޝިފާގު މުފީދާއި ވަނީ ބައްދަލްކުރައްވާފައެވެ.
މި ބައްދަލްވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައިވެރިވެފައިވަނީ ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒާއި، ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ މެންބަރު ހުސައިން މުހައްމަދާއި، ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރުގެ އިތުރަށް އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރެވެ.
ބައްދަލްވުމަށްފަހު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މި ބައްދަލްވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށާ މިހާރު ގާސިމް ބަންދުކޮށްގެން ފުލުހުން ގެންގުޅޭ ގެންގުޅުމަކީ އެމަނިކުފާނު ހިސާރުކުރުންކަމަށް ދަންނަވާފައިވާނެކަމަށެވެ.
އަދި ތަހުގީގް ނުހިންގާ ހައްޔަރުކޮށްގެން ގެންގުޅެމުންދަނީ ސިޔާސީ ބޭނުމަކަށްކަމަށާ ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުކުރުމަކީ ފުލުހުންވެސް ސިޔާސީވެފައިވާ މިންވަރު ހާމަވެފަައިވާކަމެއްކަމަށް މި ބައްދަލްވުމުގައި ގުޅިފައިވާ ޕާޓީތަކުގެ މެންބަރުން ވަނީ ފާހަަކޮށްފައެވެ.
ސަމީރު ވިދާޅުވީ މީގެ ކުރިންވެސް ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވުނު މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރެވޭކަމަށާ ނަމަވެސް ގާސިމްއާއިމެދު އެނޫން ގޮތަކަށް ައަމަލުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާ އެއީ އެޗްއާރުސީއެމްއިން ބަލަންޖެހޭނެ މައްސަލައެއްކަމަށެވެ.
މީގެ އިތުރަށް މިއަދުގެ ބައްދަލްވުމުގައި ގާސިމްގެ ސިއްހީ ހާލުކޮޅާއިމެދެ ކަންބޮޑުވާކަން އެޗްއާރުސީއެމްގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށާ އެމަނިކުފާނުގެ ސިއްހީ މައްސަލަތަކާއި ގުޅިގެން ބޭނުންކުރައްވާ ބައެއް ތަކެތި ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއަޅަމުންދާކަންވެސް ފާހަގަކޮށްފައިވާނެކަމަށެވެ. އަދި ގާސިމް އިބްރާހިމް ހައްޔަރުކޮށްގެން ގެންގުޅޭ ތަނަކީ ވައިދައުރުވާ ރަނގަޅު ތަނަކަށްވާންޖެހޭނެކަމަށް ކޯޓުން އަމުރުކުރި ނަމަވެސް އެކަަމަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާކަންވެސް ވަނީ ފާހަަކޮށްފައެެވެ.
އަދި ގާސިމް އިބްރާހިމްގެ އާއިލީ ބޭފުޅުންނާއި، ޕާޓީގެ އިސް ވެރިންނަށް އެމަނިކުފާނާއި ބައްދަލްކުރުމުގެ ފުރުސަތު ފަހިކޮށްދީފައިނުވާތީ އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވާފައެވެ. ގާސިމް އިބްރާހިމާއިމެދު އެހާ ތަފާތުކޮށް އަދި ޒާތީކޮށް އެފަދަ ކަންކަން ކުރަމުން ގެންދާތީ އެ މައްސަލަތައް ބައްލައިވައިދެއްވުމަށް އެޗްއާރުސީއެމްގެ މެންބަރުންގެ ކިބައިން ގުޅިފައިވާ ޕާޓީތަކުން ވަނީ އެދިފައެވެ.
ގާސިމް ހައްޔަރުކުރި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ