ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީޢަތެއްގެ އަޑުއެހުން ފުރަތަމަ ފަހަރަށް ވަގުތުން ދުރަށް ދައްކައިފިއެވެ. މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކީ ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ޓުރިބިއުނަލުން ނިންމި މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން އިއްވި ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައެއްގެ ޙުކުމް އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. މިއަދު މަޖިލިހުގައި ޝަރީޢަތްކުރި ބެންޗުގައި ހިމެެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝަތު ޝުޖޫނުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު މަހާޒު ޢަލީއެވެ. މިއަދުގެ ޝަރީޢަތުގައި ބެންޗުގެ އިސްފަނޑިޔާރެއްގެ ގޮތުގައި އިންނެވީ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. މިމައްސަލާގައި ޙުސްނުއްސުޢޫދު އިއްވެވި ރައުޔައަކީ ހުށަހެޅުނު މައްސަލާގައި މުވަައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމުއެވެ. ނަމަވެސް އެމައްސަލާގައި މުވައްޒަފު ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަނުކޮށް ކަމުގައެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުމުގައިވެސް ނިންމާފައިވާ އުޞޫލުން އިޖުރާއީ ޢަދާލަތު ފުރިހަމަނުކުރާ މައްސަލައެއްގައި ނަގައިދެވޭނީ ހަމައެކަނި ބަދަލެއް ކަމުގައެވެ. އަދި ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަނުވުމަކީ މީހާ ވަޒީފާއަށް އިޢާދަކުރެވޭނެ ސަބަބެއް ނޫން ކަމަށްވެސް ސުޢޫދުގެ ރައުޔާގައި ނިންމެވިއެވެ. މިމައްސަލާގައި އިސް ފަނޑިޔާރު ސުޢޫދުގެ ރައުޔައަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދުކުރެއްވުމާއެކު، ހައިކޯޓުގެ ޙުކުމް ދެމެހެއްޓުމަށް މިއަދުގެ މަޖިލިހުގައި ޙުކުމް ކުރައްވާފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓުގެ އޮންލައިން ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވަގުތުން ދުރަށް ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ