އުތުރާއި ދެކުނަށް މޫސުން ގޯސްވެ ސަމާލު ނެރެފި

ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން، ބައެއް ސަރަޙައްދުތަކަށް މުސުން ގޯސްވެފައިވުމުން އުތުރުގެ ބޮޑު ބަޔަކާއި ދެކުނުގެ ހުރިހާ އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. މި ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 2:00 އިން ފެށިގެން ހެނދުނު 8:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަރަޙައްދަށް ސަމާލުގެ ވަގުތުތަކުގައި ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ކުރިޔަށް މޫސުން ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެފައި ވަނީ، ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޯށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުނިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ