ސުޕްރީމް ކޯޓް "މަންމަނު"ވެފައި އޮތުމަކީ ލަދުވެތިކަމެއް: ދިޔާނާ

އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ ހަމީދު މުހައްމަދު ސަރުކާރުގެ އެންގުމަށް ހައްޔަރުކޮށް ރަހީނުކޮށްފައިވާއިރު، ސުޕްރީމް ކޯޓް "މަންމަނު"ވެފައި އޮތުމަކީ ލަދުވެތިކަމެއްކަމަށް ކުރީގެ ބަންޑާރަ ނާއިބް އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ ސައީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުގައި ބުނާ ސާފު އިޖްރާއަތާއި ޚިލާފަށް، އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލްއުސްތާޒު އަލީ ހަމީދު މުހައްމަދު ސަރުކާރުގެ އެންގުމަށް ހައްޔަރުކޮށް ރަހީނުކޮށްފައިވާއިރު، ސުޕްރީމް ކޯޓް "މަންމަނު"ވެފައި އޮތުމަކީ ލަދުވެތިކަމެއްކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްުޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުގެ ރޭ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް ސިފައިން ސުޕްރީމް ކޯޓްގެ ތެރެއަށް ގަދަކަމުން ވަދެގަނެގެންނެވެ. އެރޭ ގިނަ އިރުތަކެއްވަންދެން ސިފައިން ވަނީ ސުޕްރީމް ކޯޓް ހިމެނޭ ސަރަހައްދު ބަންދުކޮށް ސުޕްރީމް ކޯޓުން ފަނޑިޔާރުންނަށް ނުނިކުމެވޭނެހެން ގިނައިރުތަކެއް ވަންދެން ފަނޑިޔާރުން ކޯޓްތެރޭގައި ބަންދުކުރައްވާފައެވެ.
އެއަށްފަހު ވަރަށް ދަންވިފަހުން އެ ސަރަހައްދުން މީޑިއާތައް ދުރައްޖައްސާ ސިފައިން ވަނީ ސުޕްރީމް ކޯޓްގެ ދޮރު ހަލާކުކޮށްލުމަށްފަހު ކޯޓްގެ ހުރުމަތްކަނޑާ އެ ކޯޓްގެ ތެރެއަށް ވަދެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އެ ބޭފުޅުންނަށް ޚާއްސަ ކޮޓަރިކޮޅުތަކުގައި ތިއްބަވަނިކޮށް ދަމާ ކޫއްތާފަ ކަހަލަ ގޮތަކަށް ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ސުޕްރީމް ކޯޓްގެ ތެރެއަށް ވަދެގެން ސިފައިންނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިކަމަށް އެމަނިކުފާނާއި ހަވާލާދީ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރާއި ނުލައި ސުޕްރީމް ކޯޓްގެ މަސައްކަތްތައް ކުރިއަށްދާއިރު، 12 މެންބަރުންގެ ގޮޑީގެ މައްސަލައާއި ގުޅިގެން ދާދިފަހުން ސުޕްރީމް ކޯޓްގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުން އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށްވެސް ފަނޑިޔާރުންގެ ބެންޗެން އެއްޗެއް ވިދާޅުވެފައިނުވާތީ ބައެއް ގާނޫނީ ބޭފުޅުންގެ ފާޑުކިޔުންތައް އެކޯޓަށް ވަނީ އަމާޒުވެފައެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ދުރާލައި ރާވައިގެން ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި ނެރެފައިވާ އަމުރެއް ކަމަށާ މި ދެ ބޭފުޅުން އިސްކޮށް ތިއްބަވައިގެން ސުޕްރީމް ކޯޓުން މިއަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް އޮޅުވާލައިގެން ކަމަށްވެސް ދައުލަތުގެ ވަކީލާ ވަނީ ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށްވެސް ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ