މަރުގެ ހުކުމް ތަންފީޒުކުރުން މަޑުމައްސާލަން ސްރީލަންކާގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ހަތަރު މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުމައްސާލަން ސްރީލަންކާގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިކަމަށް މިއަދު އަމުރުކުރީ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި މެރުމަށް ހުކުމް ކޮށްފައިވާ ހަތަރު ކުށްވެރިއެއްގެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރުވަމުން ދަނިކޮށް އެ ހަތަރު ކުށްވެރިންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަތަރުމީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމުގެ ގަރާރުގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ސޮއި ކުރައްވާފައިވަނީ މިދިޔަމަހުއެވެ. އެ ގަރާރުގައި ހުކުމް ތަންފީޒުކުރަންވީ ދުވަސްތައްވެސް ކަނޑައަޅުއްވާފައި ވެއެވެ.
މިއީ، ވޭތުވެދިޔަ 43 އަހަރުގެ ތެރޭގައި ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ތައްޔާރުވަމުންދާ ފުރަތަމަ ފަހަރެވެ. 1976 ވަނަ އަހަރުން ފެށިގެން ސްރީލަންގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރެއެވެ.
ހަތަރު ކުށްވެރިއެއްގެ މަރުގެ ހުކުމް ތަންފިޒުކުރުން ވަގުތީގޮތުން ހުއްޓުވުމަށްފަހު، ސުޕްރީމް ކޯޓުންވަނީ މި މައްސަލަ ބެލުން މިއަހަރުގެ އޮކްޓޫބަރުމަހުގެ 29 އަށް ތާވަލް ކޮށްފައެވެ. މިކަން މީޑިއާއަށް ހާމަކޮށްފައިވަނީ ހުކުމް ތަންފީޒުކުރަން އުޅޭ އެކެއްގެ ގާނޫނީ ވަކީލު އެމްއޭ ސުމަންތިރަންއެވެ.
ސްރީލަންކާގެ ރައީސްކަމަށް 2015 ވަނަ އަހަރު އިންތިޚާބު ކުރެވުނީ އިސްލާހީ ލީޑަރެއްގެގޮތުގައެވެ. އެހެންނަމަވެސް، އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި، ކޮރަޕްޝަން ނައްތާލުމާއި، ހަރުދަނާ ވެރިކަމެއް ކުރެއްވުމަށް ސިރިސޭނާ ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމުގައި ބޮޑެތި ހުރަސްތަކެއް ދިޔައީ ކުރިމަތިވެވަޑައި ގަންނަވަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ސިރިސޭނާ ގެންގުޅުއްވާ ހަރުކަށި ސިޔާސަތަކީ ވެރިކަމުގެ އިތުރު ދައުރެއް ކާމިޔާބު ކުރެއްވުމަށް އޭނާއަށް ވަރަށް މުހިންމު ކަމެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާއި، އިތުރުވަމުންދާ ކުށްކުރުން ހުއްޓުވުމަށްޓަކައި މަރުގެ ހުކުމް އަލުން ތަންފީޒު ކުރަން ފެށުމަކީ، ސްރީލަްނކާގެ ނުފޫޒުގަދަ ދީނީ ފަރާތްތަކާއި، ގިނަ އާންމުންވެސް ބޭނުންވާ ކަމެކެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމުގެ އިންޒާރުތައް ދެމުންނެވެ.
ސްރީލަންކާގެ ޖަލުތަކުގައި މަރުގެ ހުކުމް އިއްވާފައިވާ 1299 މީހުން މިހާރުވެސް އެބަތިއްބެވެ. އޭގެ ތެރެއިން 48 މީހުންނަކީ މަސްތުވާތަކެތީގެ ސީރިއަސް ކުށްތައް ހިންގައިގެން މެރުމަށް ހުކުމްކޮށްފައިވާ މީހުންނެވެ.
މީހުން މެރުމާއި، އިއްފަތްފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުންގެ މައްޗަށް މަރުގެހުކުމް އިއްވި ނަމަވެސް، އެ ހުކުމް އުމުރުދުވަހުގެ ޖަލުހުކުމަށް ގެންދިޔައީ ބަދަލު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ