ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު މ. ސީނާ ޑރ. އަޒްމިރަލްދާ ޒާހިރު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މ. ކޮކާހަނދުވަރު އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެދިވަޑައިގެންފި އެވެ.
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސުޕްރީމް ކޯޓަށް އައްޔަންކުރައްވާ ފަނޑިޔާރުންގެ ނަންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީގެ ލަފަޔަކަށް މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް މިހާރު ކޮމިޝަނުން ކުރަމުންދާ ކަމަށާއި އެކަމާމެދު ކޮމިޝަނުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު ސުޕްރީމް ކޯޓަށް އައްޔަންކުރައްވާ ފަނޑިޔާރުންގެ ނަންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ޒަހީން ހިއްސާކުރައްވާފައެއް ނުވެ އެވެ.
ނަމަވެސް ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީގެ ލަފާ ހޯދުމަށް ރައީސް އެދިވަޑައިގެންނެވީ ޑރ. އަޒްމިރަލްދާ އާއި ޝުޖޫންއާ ގުޅޭގޮތުންނެވެ.
ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝުޖޫން އަކީ ރާއްޖޭގައި ގާޒީ ކަމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާ އެވެ. އަދި ޑރ. އަޒްމިރަލްދާ އަކީ ހައިކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެވުނު ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާ އެވެ. ޑރ. އަޒްމިރަލްދާއާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވައިފިނަމަ މި ދެ ބޭފުޅުން ވެގެންދާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެންމެ ފުރަތަމަ އައްޔަންކުރެވޭ އަންހެން ބޭފުޅުންނަށެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު 2010 ވަނަ އަހަރު އެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ކުޑަކޮށްފަ އެވެ. އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.
ސުޕްރީމް ކޯޓު ބެންޗު ހަތަކަށް އިތުރު ކުރުމަކީ މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނޭ ކަމެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޑރ. އަޒްމިރަލްދާއާއި ޝުޖޫން އައްޔަންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ