ރިޔާސީ ޕްރައިމަރީ އަކީ ޑީއާރުޕީގެ ހައްލު ކަމަށް ގަބޫލެއް ނުކުރަން: އަލީ ވަހީދު

ރިޔާސީ ޕްރައިމަރީ އަކީ ޑީއާރުޕީގެ މައްސަލަތަކުގެ ހައްލު ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މިހާތަނަށް ވެސް ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ތާއީދުކޮށްފައި ވަނީ މަދު ބައެއް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ބޮޑުފެންޑާ" ގައި ވާހަކަ ދައްކަވަމުން ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ ޑީއާރުޕީގެ ލީޑަޝިޕް ގަބޫލުނުކުރެވިގެން އުޅެނީ މިދިޔަ ކޮންގްރެސްގައި ވަކި ވިސްނުމެއްގައި އުޅުނު ބަޔަކަށް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ކޮންގްރެސްގައި ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވުމުގެ ވިސްނުން ގެންގުޅުއްވި އުމަރު ނަސީރުގެ ފަހަތުގައި ތިއްބެވި ބޭފުޅުންނަށެވެ.
"އެފަދަ ބޭފުޅުންނަކީ ނަތީޖާ ގަބޫލުކުރައްވާ ބޭފުޅުންނެއް ނޫން. އަދި އަޣުލަބިއްޔަތު ގަބޫލުކުރައްވާ ބޭފުޅުންނެއް ނޫން. އަދި ޑިމޮކްރެސީ އަށް ލޯބިކުރައްވާ ބޭފުޅުންނެއް ވެސް ނޫން. އެހެންވީމަ ޕްރައިމަރީ ބޭއްވިޔަސް ހައްލެއް ނާންނާނެ. އެއްކޮށް އުޅެން ނެތް ބަޔަކު ޕްރައިމަރީ ބޭއްވިޔަސް ނޫޅޭނެ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު އޮތް ]ޕާޓީ[ ކައުންސިލަކުންނެއް ނޫން ޕްރައިމަރީ އަށް ހުރަސްއެޅީ. ޑީއާރުޕީގެ އާންމު މެމްބަރުން ބުނީ ނޫނެކޭ ޕްރައިމަރީ ބޭނުމެއް ނޫނޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޑީއާރުޕީ އޮވެގެން ރިޔާސީ ޕްރައިމަރީއެއް ބާއްވައިފި ނަމަ ޕާޓީ އިތުރަށް ބައިބައިވާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ކުރިމަގު ވަރަށް އުޖާލާ ކަމަށާއި ޒައީމް މައުމޫނާއި ލީޑަރު ތަސްމީނާއި ކައުންސިލަށް ވުރެ ޕާޓީ ބޮޑުވާން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ