ސުޕްރީމް ކޯޓުގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ބައެއް މުވައްޒަފުން ޑީޖޭއޭ އަށް

ސުޕްރީމް ކޯޓުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ހަތަރު މުވައްޒަފަކު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް (ޑީޖޭއޭ) ބަދަލުކޮށްފި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ހަތަރު މުވައްޒަފަކު ޑީޖޭއޭ އަށް ބަދަލުކުރީ އާ އޮނިގަނޑަށް މުވައްޒަފުން ހަމަޖައްސަން ބެލިއިރު ބައެއް މުވައްޒަފުންގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފޭނީ ޑީޖޭއޭ އަށް ބަދަލުކޮށްގެން ކަމަށް ވާތީ އެވެ.
ޑީޖޭއޭ އަށް ބަދަލުކުރި ހަތަރު މުވައްޒަފުންނަކީ ސީނިއާ ރަޖިސްޓްރާ އައިޝަތު ރިޒުނާ އާއި ސީނިއާ ބަޖެޓް އޮފިސަރު ބަދުރިއްޔާ މޫސާ އާއި އެސިސްޓެންޓް ކޮމްޕިއުޓާ ޓެކްނީޝަން އިސްމާއީލް ފާރިޝް އަދި ކޯޓު އޮފިސަރު އަހްމަދު ހާޝިމެވެ.
ވަޒީފާ ބަދަލުކުރި މުވައްޒަފަކު ބުނީ އެ މީހުން ޑީޖޭއޭ އަށް ބަދަލުކުރީ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ގަބޫލުނުކުރާ ކަމަށާއި ވަޒީފާ ބަދަލުކުރި ނަމަވެސް، އެކަން ރަސްމީކޮށް އެ މީހުންނަށް އަދި އަންގާފައި ނެތް ކަމަށެވެ.
"ވަޒީފާ ބަދަލުކުރިކަން އެނގޭ. އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ބަދަލަކީ އާ އޮނިގަނޑާ ގުޅިގެން އައި ބަދަލެއް ކަމަށް. މިއީ އަޅުގަނޑުމެންނާ މެދު އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ކުރި ބަދަލެއް،" އޭނާ ބުންޏެވެ.
އޮނިގަނޑަށް ގެނައި ބަދަލަކާ އެކު ބައެއް މުވައްޒަފުން ޑީޖޭއޭ އަށް ބަދަލުކުރި ކަމަށް ސުޕްރީމް ކޯޓުން ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
ސުޕްރީމް ކޯޓުގެ އާ އޮނިގަނޑުގެ ދަށުން ސެކްރެޓަރީ ޖެނަރަލަކު ދާދި ފަހުން ވަނީ އައްޔަންކޮށްފަ އެވެ. ނަމަވެސް އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން ވެސް އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ