ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކުރި ފަހުން އެއްވެސް އެއްޗެއް ފަރިއްނުކުޅައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވަނީ ފުލުހުން ހައްޔަރުކޮށްފައިވާ ރައީސް މައުމޫނާއި ފަނޑިޔާރުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރި ފަހުން މިހާތަނަށް އެއްވެސް އެއްޗެއް ފަރިއްނުކުޅުއްވާ ކަމަށެވެ. ރައީސް މައުމޫން ހައްޔަރު ކުރިތާ މިހާރު 32 ގަޑިއިރު ވެގެންދިޔައީ އެވެ.
ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލެއްވުމަށް ގޮވާލައްވާ ރައީސް ނަޝީދު ވަނީ ފަނޑިޔާރު އަލީ ހަމީދުގެ ސިއްހީ ހާލުކޮޅު ދަށްވެގެން ފަރުވާދެއްވަމުން ގެންދަވާތީ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ ގެ މ. އެންދެރިމާގޭގެ ދޮރު ވައްޓާލުމަށްފަހު އެމަނިކުފާނު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވަނީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. ރައީސް މައުމޫންގެ އިތުރުން އެމަނކުފާނާއި އެކު ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައިވަނީ އެބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް ބާރުގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ތެރެއަށް ވަނުމަށްފަހު އެވެ.
ރައީސް މައުމޫން ހައްޔަރުކުރެއްވި ފަހުން އެއްވެސް އެއްޗެއް ފަރިއްނުކުޅުއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަން ޔަގީންކޮށްލުމަށް ވީނިއުސް އިން ރައީސް މައުމޫންގެ ބައެއް ވަކީލުންނަށް ގުޅާލި ނަމަވެސް އެބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައީސް މައުމޫން ހައްޔަރުކުރެއްވި ފަހުން އެއްވެސް އެއްޗެއް ފަރިއްނުކުޅުއްވާ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ