ރާއްޖޭގައި އިގުތިސާދީ ދާއިރާގެ މުސްތަގުބަލު އޮތީ ޒުވާނުންނަށް: އިކޮނޮމިކް މިނިސްޓަރ

ރާއްޖޭގައި ވިޔަފާރިއާއި އިގުތިސާދީ ދާއިރާގެ މުސްތަގުބަލު އޮތީ ޒުވާނުންނަށް ކަމަށް އިގުތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ޒުވާނުންގެ ފަރާތުން ބޭއްވި ހަރަކާތެއްގެ ތެރެއިން ޗެނަލް ތާޓީންނަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ އިގުތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަށް މިސަރުކާރުން ވަރަށް ގިނަ ފުރުސަތުތައް ހުޅުވާލަދީފައިވާކަމަށެވެ. އެގޮތުން މަތީ ތައުލީމާއި ސިއްހަތާއި، ވިޔަފާރީގެ ދާއިރާ ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ރާއްޖެ ތަރައްގީގެ ދުވެލީގައި ކުރިއަރަމުންދާއިރު، ވިޔަފާރިއާއި އިގުތިސާދީ ދާއިރާގެ މުސްތަގުބަލު އޮތީ ދިވެހި ޒުވާނުންނަށް ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންނަށް ޚައްސަ އިސްކަމެއް ދެއްވީ ޒުވާނުންނަކީ މަގުމަތީގައި ބާކީވެގެން އުޅޭ ބަޔަކަށް ވުމުގެ ބަދަލުގައި މުޖުތަމައަށް ފައިދާ ހުރި ހުނަރުވެރި ބަޔަކަށް ހެދުމަށް ކަމަށެވެ.މިނިސްޓަރ ސައީދު ވަނީ ރާއްޖޭގައި މިހާރު ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިހާރު ދިމާވެގެން އުޅޭ ހަމައެކަނި މައްސަލައަކީ ވަކި މީހަކަށް ވެރިކަން ނުލިބުމުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށާއި، މިނޫން އެއްވެސް މައްސަލައެއް ރާއްޖޭގައި ނެތް ކަމަށެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ޒުވާނުން ބޭނުން ވަނީ ހަމަޖެހޭ ސުލްހަވެރި އަމާން މުޖުތަމައެއް އޮތުން ކަމަށާއި، މީގެކުރިން ޒުވާނުން ތަޖުރިބާކޮށްފައިވަނީ ޒުވާނުންނަކީ ތަންތަނުގައި ހުޅުޖަހަން ބޭނުންކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.މީގެއިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ މިއަދު ޒުވާނުންނަކީ ހޭލުންތެރި ތައުލީމީ ކަންކަމުގައި ގާބިލު ބަޔަކަށް ވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން މިއަދު ކޮންމެ ޒުވާނެއްގެ ވެސް އުންމީދެއް ވާކަމަށާއި، ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެއްދެވީ ރައީސް ޔާމީން ކަމަށް ވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ