ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ގއ. ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ކޮލަމާފުށި ކައުންސިލްގެ ރައީސް އިބްރާހީމް އަލީމް ވިދާޅުވީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ފައިސާ ވަގަށް ނަގާފައި ހުރި ކަން އެނގުނީ މިއަދު ހެނދުނު އޮފީސް ހުޅުވުމުން ކަމަށެވެ.
އިބްރާހީމް ވިދާޅުވީ ކައުންސިލް އިދާރާގެ ތިޖޫރީގެ އިތުރުން ކައުންސިލް އިދާރާގައި ބަހައްޓާފައި ހުންނަ މިސްކިތު ފަންޑު ފޮށި ވެސް ފަޅާލައި ފަންޑު ފޮށީގައި ހުރި ފައިސާ ވެސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
އިބްރާހީމް ވިދާޅުވީ ތިޖުރީއާއި ފަންޑު ފޮށި ފާޅާލައި ވަގަށް ގެންދިޔައީ ކިހާ ފައިސާއެއް ކަަމަށް އެއްގޮތަކަށްވެސް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އިއްޔެ އަކީ އެ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދިނުމަށް ގެނެސްފައި ހުރި ފައިސާ ތިޖުރީއަށް ލާފައި ހުރި ދުވަސް ކަމަށްވާތީ ރޯދަ އެލަވަންސަށް ގެެނެސްފައި ހުރި އެއްލައްކަ ވިހިހާސް ރުފިޔާ ޔަގީނުންވެސް ތިޖޫރީގައި ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިބްރާހީމް ވިދާޅުވީ ތިޖޫރީއާއި މިސްކިތު ފަންޑު ފޮށި ފަޅާލައި ފައިސާ ވަގަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ފުލުހުން އެމައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަަމަށްވެސް އިބްރަހީމް އަލީމް ވަނީ ވިދާޅުވެފަ އެވެ.
ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރީއާއި އެތަނުގައި ހުރި ފަންޑު ފޮއްޓެއް ފަޅާލައި ފައިސާތަކެއް ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަމުންެދާ ކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ