ރައްޔިތުން ތިބީ ރައީސް ޔާމީނަށް ނޫނެކޭ ބުނަން ތައްޔާރަށް ކަމަށާއި، 2018 ގެ ރިޔާސީ އިންތިޙާބުގައި އެކަން ފެނިގެންދާނެކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމީރު ވިދާޅުވީ ޕީޕީއެމްއިން ބާއްވާ ޖަލްސާތަކަށް މީހުން ދަނީ ވަޒީފާގެ ބިރަށްޓަކައި ކަމަށާ، އެފަދަ ބިރެއް ނެތް ނަމަ އެ ޖަލްސާތަކަށް މީހުން ދާނީ ވަރަށް މަދުން ކަމަށެވެ.
ސަމީރު މިފަދައިން ވިދާޅުވިއިރު، ކުޅުދުއްފުށީ އެއަރޕޯޓު ބިންގާ އެޅުމުގެ ގޮތުން ބޭއްވި ޖަލްސާއަށް އެމްޑީޕީގެ ބައެއް ފަރާތްތަކުންވެސް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުން ބުނެފައިވަނީ ކޮންމެ ޕާޓީއެއްގެ މެމްބަރެއްނަމަވެސް ތަރައްޤީއަށް ތާޢީދުކުރާނެކަމަށެވެ.
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވި ނިންމުމާ ގުޅިގެން ސަމީރު ވިދާޅުވީ ކޮންމެ ބޭފުޅަކަށްވެސް ކަނޑައެޅިފައި އޮންނަ ގޮތަށް ޖޭޕީއަށް ސޮއި ކުރެވޭނެ ކަމަށެވެ. އަދި އުމަރުގެ ފިކުރު ގުޅިފައިވާ ޕާޓީތަކާ އެއްގޮތް ނުވި ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތައް ހީނަރު ކަމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ކުރީގެ ރައީސް މަޢުމޫނުގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ މާލޭގައި އެމްޑީޕީ އަދި އިދިކޮޅު ފަރާތްތަކުން ޖަލްސާތައް ބޭއްވުމަށް ހައުސިންގް އަށް އެކަމަށް އެދި ސިޓި ފޮނުވާ ކަމަށެވެ. އެހެން ނަމަވެސް ސިޓީއަކަށް ޖަވާބެއް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅިފައިވާ ޕާޓީތަކުން ވިދާޅުވީ ފ. އަތޮޅުގައި ޖަލްސާތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި މި ޖަލްސާތަކުގުގައި ސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަން ހާމަވެގެންދާނެ ކަމަށެވެ. އަދި މި ޖަލްސާތަކުގައި އިލްމީ ދިވެހި ޒުވާނުންނަށް ސަރުކާރުގެ ހަގީގަތާ މެދު ވިސްނައިދެވޭނެ ކަމަށް ވަނީ ވިދާޅުވެ ފައެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ތާޢީދު ނެތްކަމަށް ދައްކާނެކަމަށްބުނެ އައްޑޫގައިވެސް ޖަލްސާއެއް ބާއްވާފައިވެއެވެ. އެހެންނަމަވެސް އެޖަލްސާގައިވެސް މަދު އަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު ޕީޕީއެމްއިން އައްޑޫގައި ބޭއްވި ޖަލްސާއަށް ރެކޯޑު އަދަދަކަށް މީހުން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީނަށް ތާޢީދު ނެތްކަން 2018 ގެ އިންތިޙާބުގައި ދައްކާލާނަން - އިދިކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ