103 ނަރުހުން އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމަށް އިންޑިއާއަށް ފުރަނީ
ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ދިވެހި ނަރުހުންގެ ޝާމިލްވުން އިތުރު ކުރުމުގެ ގޮތުން އިތުރު 103 ނަރުހުން އަމަލީ ތަޖްރިބާ ހޯދުމަށް މާދަމާ އިންޑިޔާއަށް ފުރަން ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ޓިވެޓް އޮތޯރިޓީއިން ނަރުހުން ޑިޕްލޮމާ ފެންވަރައް ތަމްރީން ކުރުމަށް ހިންގާ ކޯހުގެ ތެރެއިން އަމަލީ ތަޖްރިބާ ހޯދުމަށް އިންޑިޔާއަށް ފުރާ 103 ނަރުހުންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފައެވެ.ޕޮލިޓެކްނިކްގައި އޮތް މި ބައްދަލުކުރެއްވުމުގައި، ނަރުހުންނާއި ބައްދަލުކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ، ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ދިވެހި ނަރުހުންގެ ޝާމިލްވުން އިތުރުކުރުމަކީ މި ސަރުކާރުގެ ތަސައްވަރެއް ކަމަށެވެ. އަދި ޓިވެޓް އޮތޯރިޓީއިން އިން 500 ނަރުހުން ތަމްރީން ކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ ޒުވާނުން މި ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން މިނިސްޓަރ އައިޝަތު ޝިހާމް ވަނީ އަމަލީ ތަޖްރިބާ ހޯދުމަށް އިންޑިޔާއަށް މީގެކުރިން ދިޔަ ބެޗްގެ ކުދިންގެ ހިތްވަރަށް ސާބަސްދެއްވާ އެކަން އިންޑިއާގެ ކޮލެޖްއިންވެސް ފާހަގަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން ތަމްރީންތަކަށް އިންޑިއާއަށް ފުރާ ނަރުހުންގެ ތެރޭގައި ހިމެނޭ މަރިޔަމް ތައުފީގް ބުނީ އާއިލާއާއި އަމިއްލަ ރަށުގައި ހުރެގެން ޑިޕްލޮމާ ކޯސް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ބުނީ ހޮސްޕިޓަލްތަކުގައި ދިވެހި ނަރުހުން ޚިދުމަތްކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް އުންމީދުކަމަށާއި، އެކަން ހާސިލްކޮށްދެއްވުމަށް ސަރުކާރުން ބުރަ މަސައްކަތަކެއް ކުރައްވަމުންދާކަމަށެވެ. އިންޑިއާގެ އެސްޓީޔޫ ކޮލެޖްގައި ކުރިޔަށް ދާ ތަމްރީން ޕުރޮގްރާމްތަކުގައި ބައިވެރިވުމަށް ޑިޕްލޮމާ އިން ނާސިން ކިޔަވާ ދަރިވަރުން ފުރުމަ ހަމަޖެހިފައިވަނީ މާދަމާއާއި އޭގެ އަނެއް ދުވަހުއެވެ. މިމަހުގެ އަށް ވަނަ ދުވަހު ވަނީ މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބެޗް މާލެއައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ