ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް އަހަރު މެދުތެރެއިން ހުއްޓިދާނެ ކަމުގެ އިންޒާރުދީފި

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓްގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ ޝަރުއީ ދާއިރާގެ ގާނޫނީ ވާޖިބު އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށާއި ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް މިއަހަރު އެކަށީގެންވާ ބަޖެޓަށް ދީފައިނުވާތީ އަހަރުގެ މެދުތެރެއިން ކޯޓްތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދީފިއެވެ.
އިއްޔެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އިބްރާހީމް އަޙުމަދު މަނިކު ސޮއި ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވާފައިވާ ސިޓީގައި، ބަޖެޓާ ބެހޭގޮތުން ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފައި ވެއެވެ.
ޝަރްޢީ ދާއިރާއަށް 2013 ވަނަ އަހަރަށް ބޭނުންވާ ފައިސާގެ ތަފްޞީލު ޑިޕާޓްމަންޓުގެ ބޭފުޅުން މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ވަޑައިގެން ވަރަށް ތަފްސީލުކޮށް ދެއްވައިފައި ވަނިކޮށް، ބަޖެޓް ފާސް ކުރެވުނުއިރު ޝަރްޢީ ދާއިރާއިން ހާމަކުރި ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވިފައެއް ނުވާކަމަށް ވިދާޅުވެ، ޝަރުޢީ ދާއިރާގެ ޤާނޫނީ ވާޖިބު އަދާކުރެވޭ ފަދަ ބަޖެޓެއް، ޝަރުޢީ ދާއިރާއަށް ހަމަޖައްސަވައިދެއްވުމަށް، ސިޓީގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ވަނީ އެދިވަޑައިގެންފައެވެ،
މާލޭ ކޯޓު ތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ކޯޓު ކޮމްޕްލެކްސްއެއް އެޅުމަށް ބޭނުންވާ 70.5 މިލިއަން ރުފިޔާ އާއި ފަނޑިޔާރުންގެ ހެލްތް އިންޝުއަރެންސް ސްކީމް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހިމަނައިގެން ޝަރުއީ ދާއިރާއަށް 2013 ވަނަ އަހަރަށް ޖުމްލަ ފަސް ސަތޭކަ ސަތާރަ މިލިއަން އެއްލައްކަ އައްޑިހަފަސްހާސް ތިންސަތޭކަ ބާވީސް ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައިވާ ކަމަށްވެސް ސިޓީގައި ބުނެ އެވެ.
"ބަޖެޓުން އުނިކުރެވުނު ބަޔާއެކު، ޝަރުއީ ދާއިރާއަށް 2013 ވަނަ އަހަރަށް ލިބިފައިވަނީ 2012 ވަނަ އަހަރު ލިބުނު ބަޖެޓަށްވުރެ 32.50 ޕަސެންޓް ކުޑަ، އަދި 2012 ވަނަ އަހަރު ހިގި ޚަރަދަށްވުރެ 22.31 ޕަސެންޓް ކުޑަ ބަޖެޓެކެވެ. ފައިސާގެ އަދަދުން ބަލާނަމަ، މިއަހަރަށް ޝަރުއީ ދާއިރާއަށް ކަނޑައެޅުނު ބަޖެޓަކީ 2012 ވަނަ އަހަރު ލިބުނު ބަޖެޓަށްވުރެ 140 މިލިއަން ރުފިޔާ މަދު، އަދި 2012 ވަނަ އަހަރު ހިނގި ޚަރަދަށްވުރެ 83 މިލިއަން ރުފިޔާ މަދު ބަޖެޓެކެވެ." ސިޓީގައިވެ އެވެ.
މިއަދަދުތަކަށް އިޝާރަތް ކޮށް އެ ސިޓީގައި ބުނަނީ ބަޖެޓުގެ ތާށިކަމުގެ ސަބަބުން މިއަހަރުގެ މެދަކާއި ހަމައަށް ދާއިރު، ކޯޓް ތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިއަހަރުގެ ބަޖެޓުން މިއަހަރުގެ އެންމެ ފަހު ދެ މަހު މުސާރަ ނުދެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
"މުއައްޒަފުންގެ މުސާރައަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 2012 ވަނަ އަހަރު މުސާރައަށް ކަނޑައެޅުނު އަދަދަށް ވުރެ 22 މިލިއަން ރުފިޔާ މަދުން ކަމަށް ވާތީ، މި އަހަރުގެ ނޮވެންބަރު މަހާއި ޑިސެންބަރު މަހު ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް މުސާރަ ދެވޭނީ ޝަރްޢީ ދާއިރާގެ ބަޖެޓުގެ މުއައްޒަފުންނަށް ހިނގާ ޚަރަދުގެ ކޯޑުތަކަށް އިތުރަށް ފައިސާ ލިބިގެންކަން ވެސް ޑިޕާޓްމަންޓުން ފާހަގަ" ސިޓީގައި އިތުރަށްވެ އެވެ.
ޑިޕާޓްމަންޓުގެ ސިޓީގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ 191 މެޖިސްޓްރޭޓް ކޯޓު މަރާމާތުކޮށް ބެލެހެއްޓުމަށް ބަޖެޓުގައި އެއްވެސް ފައިސާއެއް ކަނޑައެޅިފައި ނުވުމުގެ ސަބަބުން، އެތަންތަން ބެލެހެއްޓޭނޭ މަގު ވަނީ ބަންދުވެފައެވެ. ހަމައެހެންމެ، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އެއް ރަށުން އަނެއް ރަށަށް ކުރާން ޖެހޭ ދަތުރުތައް ކުރުމަށް ހުރި ފައިސާއިން ބޮޑު ބައެއް އުނި ކުރެވިފައި އޮތުމުގެ ސަބަބުން، އަތޮޅުތަކުގައި ދަތުރުފަތުރު ނުކުރެވި މައްސަލަތައް ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަނޑިޔާރުންނަށް ދޭންޖެހޭ އިތުރު ތަމްރީނުތައް ދިނުމާއި މުއައްޒަފުން ތާޒާކުރުމުގެ ޚަރަދުތައް ބަޖެޓުން އުނި ކުރެވިފައިވާތީ އެކަމާ މެދު ވެސް ޑިޕާޓްމަންޓުގެ ސިޓީގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.
ޑިޕާޓްމަންޓުގެ ސިޓީގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، 2013 ވަނަ އަހަރަށް ހުށަހެޅުނު މުޅި ބަޖެޓުން 12 އިން ސައްތަ އުނި ކުރެއްވި އިރު، ޝަރްޢީ ދާއިރާއަށް ހުށަހެޅުނު ބަޖެޓުން 32 އިންސައްތަ އުނިކުރައްވާފައި އޮތުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ