ފައިނު އެކްސިޑެންޓު: ދެ ކުދިންނާއި ޓީޗަރު ވެންޓިލޭޓަރުން ނަގައިފި
ރ. ފައިނުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ހާދިސާގައި އިތުރު ފަރުވާއަށް މާލެ ގެނައި ޓީޗަރާއި ދެކުދިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. މި ހާދިސާ ހިނގި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ފައިނުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ރޭ 19:30ހާއިރު އެކްސިޑެންޓުވީ، 18 އަހަރު ނުވާ ދެ ފިރިހެން ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށެވެ. އެ ދެ ކުދިން ޖެހުނީ، ކަސްރަތަށް ނުކުމެ ހިނގަން ތިބި ދެ ފިރިހެނުންގެ ގައިގައެވެ. އެ ދެ މީހުންނަކީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއް ކަމަށް އޭނާ ބުނެފައިވެއެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ދެ ކުދިންނާއި ދެ މީހުން ވެސް ފުރަތަމަ ގެންދިޔައީ އުނގޫފާރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. ޕްރިންސިޕަލްގެ ހާލު ސްޓޭބަލް ވެފައިވާއިރު، ދެ ކުދިންނާއި ޓީޗަރު އިތުރު ފަރުވާއަށް މާލެ ގެނައީ މިދިޔަ ހުކުރު ދުވަހެވެ. ދެ ކުދިންނަށް ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައެވެ. އޭގެފަހުން، އައިސީޔޫގައި ވެސް އެކުދިންނަށް ފަރުވާ ދިން ނަމަވެސް، ޓީޗަރަށް އޭރުވެސް ފަރުވާ ދިނީ ވެންޓިލޭޓަރުގައެވެ. މިއަދު އެހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ދެކުދިންނާއި ޓީޗަރު ވެސް މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. ފުލުހުން ވަނީ، އެ ހާދިސާގައި ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ބުނެފައެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ