އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސް މަޖިލީހުގައި ފަށައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރެއްވުމުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރެއްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.
މިމައްސަލަ ދިރާކުރި، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ޚުލާސާ ރިޕޯޓްގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ އެކަމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
ރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖުޑިޝަރީ ކޮމެޓީ މެމްބަރ އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ނިންމުމުގައި ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ރިޕޯޓްގައިވާ ކަމަށެވެ.
ޖުޑިޝަރީ ކޮމިޓީން މިމައްސަލަ ދިރާސާކުރުމުގައި މައިގަނޑު 15 ނުކުތާއެއް ފާހަގަކުރެވުނު ކަމަށާއި، ކޮމިޓީން ގޮތެއް ނިންމީ އެކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. ހަމަ އެއާއެކު، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ އިޖުރާއަތްތައް ފުރިހަމަ ކޮށްގެންކަން ހަސަން ލަތީފް ފާހަގަ ކުރެއްވިއެވެ. އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މިންގަނޑު ހަމަނުވަ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
މިމައްސަލައިގެ ބަހުސް މިހާރު މަޖިލީހުގައި ފެށިފައި ވާއިރު، މިހާތަނަށް ވާހަކަފުޅު ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ، އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ތާއީދު ކުރައްވާފައެވެ.
ބަހުސް ކުރިއަށްދަނިކޮށް މަޖިލީސް މިވަގުތުވަނީ ސަޔަށް މެދުކަނޑާލާފައެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމުގެ މައްސަލައިގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އާދަމް މުހަންމަދު އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަވެސް މިއަދުގެ ޖަލްސާއަށް ވަނި އެޖެންޑާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ