އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު، ބޯރިސް ޖޯންސަން ގާނޫނާއި ހިލާފު ވެފައިވާކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ގައުމުގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވިދާޅުވެފައި ވަނީ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ކުރަން ބޮޑުވަޒީރު ނިންމެވީ ގާނޫނާ ޙިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބުދަ ދުވަހު ފައްޓަވާނޭ ކަމަށެވެ.
އެ ގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ގާނޫނާ ހިލާފް ވެއްޖެ ކަމަށް ބުނެ ހުކުމް ކޮށްފައި ވާއިރު، ބޯރިސް މިވަގުތު ހުންނެވީ އެމެރިކާގައެވެ. ބޯރިސްގެ ސިޔާސަތު ތަކާއި އެ ގައުމުގެ ގިނަ ރައްޔިތުންތަކެއް ދެކޮޅު ހަދަމުން އަންނައިރު، މި ޙުކުމާއި ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ތަކެއްވެސް ވަނީ އޭނާގެ އިސްތިއުފާ އަށް ގޮވާލާފައެވެ. ނަމަވެސް ބޯރިސް ވަނީ އިސްތިއުފާ ނުދެއްވާނޭކަން އިއުލާނުކޮށް، މިރޭގެ ވަގުތެއްގައި އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެފައެވެ.
އޭނާ މިވަގުތު ހުންނެވީ އދ. ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ގޮސް ނިއު ޔޯކުގައެވެ. ޙަބަރުތައް ބުނާ ގޮތުގައި އެ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އޭނާ އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނެއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއާ ދެކޮޅަށް އެގައުމުގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ނޫނެވެ.
"މިކަމާ ގުޅިގެން ރާނީގެ ވިސްނުން ހުރި ގޮތް އެބަ ބަލަން ޖެހޭ. ދެން ވާންވީ ގޮތެއް އެނގިވަޑައިގަންނަވާނީ ރާނީއަށް. އަދި މިއީ ރައްޔިތުންވެސް ބޭނުންވާނެ ގޮތް" ބޮރިސް ޖޮންސަން ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން އެގައުމުގެ ކުރީގެ ބޮޑު ވަޒީރު، ޖޯން މޭޖަރ ވަނީ މައާފަށް އެދިވަޑަގަތުމަށް ބޯރިސްއަށް ގޮވާލައްވާފައެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ގާނޫނާއި ހިލާފް ވެއްޖެ - ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ