އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސަރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭެހޭނެ ކަމަށެވެ. އަދި އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރާއި، މެދުތެރޭގެ އަތޮޅުތަކަށް ކަމަށް ބުނެފައިވެއެވެ.
އެގޮތުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. މި ސަރަހައްދުތަަކަށް ގަޑިއަކު 8 މޭލާއި، 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެމުންދާނެ ކަމަށް މެޓް އޮފިހުން ބުނެފައިވެއެވެ. އަދި އަންނަ ވިލާގަަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނީ މިސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެންނަމަވެސް ވިލާގަނޑާ ގުޅިގެން ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިގެއިތުރުން ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ހޯމަދުވަހުން ފެށިގެން ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވެގެންދާނެ ކަމަށް ބުނެފައިވެއެވެ.
އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މުސުމަށް ސަމާލުވެ ކަނޑުދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ