އިތުރު ހަތަރު ރަށެއްގެ ކަރަންޓުގެ ހިދުމަތް ފެނަކައިގެ ދަށަށް ބަދަލުކޮށްފި

ރާއްޖޭގައި ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދަވާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް އިތުރު ހަތަރު ރަށެއްގެ އިންޖީނުގެ ބަދަލު ކުރުމުގެ އެއްބަސް ވުމުގައި މިއަދު ސޮއި ކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި މިއަދު އޮތް އެއްބަސްމުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސޮއިކުރެވުނު ހަތަރު ރަށަކީ، މުލަކު އަތޮޅުގެ ތިން ރަށެއް ކަމަށްވާ މުލި، ރަތްމަންދޫ، ކޮޅުފުށި އަދި ހައްދުންމަތީ މާބައިދޫ އެވެ.
ފެނަކަ އާއި މި ހަތަރު ރަށާދެމެދު ވެވުނު އެއްބަސް ވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު އެވެ. އަދި މުލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް، މޫސާ ނަސީރު އަޙްމަދު އާއި އަތޮޅު ކައުންސިލް މެންބަރު އަބްދުﷲ ރަޝީދު އެވެ. ރަތްމަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަލީ ރިޔާޒާއި ކައުންސިލް މެންބަރު މުހައްމަދު ރައުފު އެވެ. ކޮޅުފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އީސާ މަމްދޫހު އާއި ރަށުގެ ރައްޔިތެއް ކަމަށްވާ ޢަލީ ފަހީމް އެވެ. އަދި މާބައިދޫ ކައުންސިލް ގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލް މެންބަރު ހަސަން އާދިލް އާއި އަހްމަދު ނަޝިދު އެވެ.
ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު ނިމާލު ވިދާޅުވީ މިއަދު ސޮއިކުރެވުނު ހަތަރު ރަށާއެކު މިހާރު އެ ކޯޕަރޭޝަންގެ ދަށަށް ޖުމުލަ 150 ރަށް ގެނެވިފައި ވާ ކަމަށެވެ. އަދި މިއަދި ސޮއިކުރި އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް ނިމާލު ވިދާޅުވި އެވެ.
"ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ފެނަކައިގެ ސާވޭ ޓީމުތައް ރަށްރަށަށް ގޮސް، އިސްލާހު ކުރަން ހުރި ކަންތައްތަކާއި، އިތުރަށް އަޕްގްރޭޑް ކުރަން ވެފައި ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި އެމަސައްކަތް ކުރުމަށް ނަގާ މުއްދަތެއް މި 20 ދުވަހަކީ" ނިމާލް ވިދާޅުވި އެވެ.
ނިމާލު ފާހަގަ ކުރެއްވި ގޮތުގައި ފެނަކައިގެ ދަށަށް ރަށްރަށް ބަދަލު ކުރަމުންދާއިރު ވަކި މިންގަނޑުތަކެއް އެ ކޯޕަރޭޝަނުން ހިފަހައްޓަވައެވެ.
އެގޮތުން އޭނާ ވިދާޅުވީ "ބައެއް ރަށްރަށުގައި އިންޖީނުގޭތަކުގައި މުވައްޒަފުންވެސް މިތިބެނީ އަޅުގަނޑުމެން ކަނޑައަޅާވަރަށް ވުރެ މަދުން. އެހެންވީމާ މިމުއްދަތުގެ ތެރޭގައި އަޅުގަނޑުމެން އިއުލާނުކޮށްގެން މުވައްޒަފުންވެސް ހޯދާނަން. ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮއްވާ އަޅުގަނޑުމެންނަށް އެތަނަށް މުވައްޒަފުން ނަގައި، ހުރިހާ ކަމެއް ނުކުރެވޭނެ. އެގޮތުން މި 20 ދުވަހަކީ އެފަދަ މަސައްކަތްތަކަށްދާ މުއްދަތެއް" ކަމަށެވެ.
މިއަދު ސޮއިކުރެވުނު ހަތަރު ރަށުގެ ކަރަންޓުގެ މަސައްކަތް ނިންމާލުމަށް ކިހާވަރެއްގެ ހަރަދުވާނެތޯ ސަން އޮންލައިން އިން ސުވާލު ކުރުމުން ނިމާލު ވިދާޅުވީ މީގެ ކުރިން ހަވާލުވި ރަށްރަށަށް ހަރުދަވެފައި ވަނީ ގާތްގަނޑަކަށް ތިން ލައްކައާއި ހަތަރު ލައްކައާ ދެމެދުގެ އަދަދެއް ކަމަށެވެ.
"މިހާތަނަށް ފެނަކައިގެ ދަށަށް ގެނެވުނު ރަށްރަށުގެ މަސައްކަތަށް ގާތްގަނޑަކަށް ތިން ލައްކަ ނުވަތަ ހަތަރު ލައްކަ ރުފިޔާ ހަރަދުވެފައި އެބަވޭ. އެތަންތަނުގެ ކޮމްޕިއުޓަރާ، އޮފީސް ފަރުނީޗަރާ މިހުރިހާ ކަމެއް އެއްކޮށް ކުރަން ގާތްގަނޑަކަށް އަދި ބައެއް ރަށްރަށުގެ އިންޖީނު ތަކުގެ ހާލަތު ހުންނަނީ ފުދޭވަރަކަށް ދެރަވަރުކޮށް" ނިމާލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ