މަޑަވެލި ދާއިރާގެ މެމްބަރު މިރޭ ޕީޕީއެމް ސޮއިކުރައްވަނީ

މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު މިރޭ ޕީޕީއެމްއަށް ސޮއިކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބުކުރެއްވި މުއާޒް ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބާއްވާ ހާއްސަ ޖަލްސާގައިއެވެ. މުއާޒް ޕީޕީއެމްއަށް ސޮއި ކުރައްވާކަން ޕީޕީއެމްގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މުއާޒް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިއެވެ. ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށްފަހު އޭރު މުއާޒް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ ގޮން ޖެހުމެއް ކަމަށެވެ.
މުއާޒް އާއި އެކު މަޑަވެލި ދާއިރާގެ ގިނަ އަދަދެއްގެ އާންމުން ވެސް މިރޭ ސޮއިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
"މުއާޒް ޕީޕީއެމްއަށް ސޮއި ކުރައްވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި، މުއާޒް ގަބޫލުކުރައްވާ ގޮތުގައި ސަރުކާރާއި ގުޅިގެން ދާއިރާގެ ރައްޔިތުންނަށް ތަރައްގީ ލިބޭނީ، މުއާޒްގެ އިތުރުން ގިނަ ބަޔަކު ސޮއި ކުރާ ގޮތަށް ވަނީ ހަމަޖެހިފައި." އޮފިޝަލް ވިދާޅުވިއެވެ.
މުއާޒްގެ އިތުރުން ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ވެސް މިރޭ ޕީޕީއެމްއަށް ސޮއިކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ