މޫނަށް މޫވް ސްޕްރޭ ޖެހުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން، މީހެއްގެ މޫނަށް މޫވް ސްޕްރޭ ޖެހުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ފޭރިގެންފައި ވަނީ، ފިއުލްސަޕްލައި މޯލްޑިވްސްގެ ހުޅުމާލެ ބުރާންޗުން، ހުޅުމާލޭގައި ހުންނަ އިސްލާމިކް ބޭންކަަށް ޖަމާކުރަން ގެންދިޔަ ފައިސާއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު 11:47 ގައިކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ ހުޅުމާލެއިން ފައިސާތަކެއް ފޭރުނު މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ނޭނގެއެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެ ސަރަހައްދު ބަލަމުންދާ ކަމަށެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފިއުލް ސަަޕްލައިގެ ގިނަ އަދަދެއްގެ ފައިސާ މިއަދު ފޭރިގެންފައިވާއިރު، މިދިޔަ އަހަރުގެ ފަހުކޮޅު މާލެއިން ވެސް ވަނީ ފިއުލް ސަޕްލައިގެ މުވައްޒަފަކު ޖަމާކުރަން ގެންދިޔަ 50،000 އަށްވުރެ ގިނަ ރުފިޔަ ސައިކަލުގައި ދިޔަ ދެމީހަކު ފޭރިގަނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ