ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވޭ މީހެއް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަކީ ދަށުދަރަޖައިގެ ކަމެއް: މާރިޔާ

ފަނޑިޔާރުންގެ މައްޗަށާއި ގާޒީންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ފަދަ މީހެއް ރައީސް ޔާމީންގެ ޕަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނުދާއިރާގެ މެންބަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެންވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ބޮޑުތަފާތަކުން ރައީސް އަބްދުﷲ ޔާމީން އަށް ނާކާމިޔާބުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން އިންތިޚާބު ބާޠިލްކުރުމަށް ސްޕްރީމްކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގައި ރައީސް ޔާމީންގެ މެންބަރުގެ ގޮތުގައި އިންނަވާ އަހްމަދު ސަލީމް(ރޭނިސް) ހުށަހަޅުއްވާފައިވުމާއި ގުޅިގެންނެވެ.
މާރިޔާ ވިދާޅުވީ ދޫސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީވެސް ބިރުވެރިކަމެއްގެ ތެރޭގައި ފަނޑިޔާރުން ތިބެ ކަމަށް ޤަބޫލުކުރެވޭކަމަށެވެ. ފާހަގަކުރައްވާ އެހެންކަމުން އެ މައްސަލަ ބަލައިގަތްއިރުވެސް އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓަށް ވެސް އިނގޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
”މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން. އަދި އެ މައްސަލަ ބަލައިގަތްއިރުވެސް ސްޕްރީމް ކޯޓަށްވެސް އިގޭ އެއީ ދުސްތޫރީ މައްސަލައެއް ނޫންކަން. ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވޭ ފަދަ މީހަކު ރައީސް ޔާމީންގެ ޕަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް.“ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއެއްގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ސިފަފުޅެއް މިހާރު ރައީސް ޔާމީންގެ ކިބައިގަޔް ނެތް ކަމަށާއި ޕީޕީއެމްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައަށް މުޅި ރާއްޖެ ހެމުންދާ ކަމަށެވެ. އަދި މި ރާއްޖޭގެ މަޝްރަހުގައި ހިގާ ކަންކަން ރައީސް ޔާމީން ނޫން ހުރިހާ ބޭފުޅުންނަށް ސާފު ކަމަށާއި، ރައްޔިތުން ތިބީ މި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި އަނިޔާވެރިކަމާއި މެދު ހިތްހަމަނުޖެހިފައި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ. އެ ނަތީޖާ މިހާރު ވަނީ ވެބްސައިޓްގައި އިއުލާންކޮށް ޕާޓީތަކާ ވެސް ހިއްސާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ