ދުސްތޫރީ މައްސަލަތަކަކީ ތަހުގީގު ކޮށްގެން ބަލަން ޖެހޭ ބާވަތުގެ މައްސަލަތަކެއް ނޫން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ. އަދި އިންތިޚާބު ބާތިލްކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ފާހަގަކުރައްވާ ގާނޫނީ ނުކުތާތައް ކަމަށް ބުނާ ލިޔުމެއް އާންމުވުމުން އެމައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ އޮޅުވާލައިގެން ސުޕްރީމް ކޯޓަށް ވައްދާފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިކަމުގައިވެސް ރައީސް ޔާމީނަށް އަމާޒުވެފަ އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކޮށްދިނުމަށް އެދުމުން އެއީ ދުސްތޫރީ މައްސަލައެއް ނޫންކަން އެނގިގެން ހިންގައްޖެ ކަމަށެވެ.
ދުސްތޫރީ މައްސަލަތަކަކީ ތަހުގީގު ކޮށްގެން ހޯދާ ބަލަން ޖެހޭ ބާވަތުގެ މައްސަލަ ތަކެއް ނޫން ކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމުންވެސް އިންތިހާބު ބާތިލްކުރަން ދުސްތޫރީ މައްސަލައެކޭ ބުނެ އޮޅުވާލައިގެން ސްޕްރީމް ކޯޓަށް ދިއުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ އަލާމާތެއް ކަމަށެވެ.
އިންތިހާބު ބާތިލްކުރުމަށް ހުށަހެޅި މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލް ކޮށްފައިވާއިރު ރިޔާސީ އިންތިހާބުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އެދިވަޑައިގެންފަ އެވެ.
އާންމުވި ކަމަށް ބުނާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާހުގައި ޖެހި ފާހަގަ އޮޅުވާލުމަށް އަނގޮޓިއެއް ބޭނުންކުރުމާއި، ކޮމްޕްލަޔަންސް ބިއުރޯގެ ކަންކަން ދޯދިޔާވުމާއި، ޔޫވީ ލައިޓެއް ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ސައްހަކަން ބަލާފައި ނުވުމާއި، ވޯޓުލާ މަރުކަޒުގައި ވަކި މީހަކަށް ވޯޓު ދޭން ޝަރުތުކޮށް ހަދިޔާ ބަހާފައި ވުމާއި، ވޯޓުލާ މަރުކަޒަށް އަތްދަބަސް ވައްދާފައި ވުމާއި، ވޯޓުކަރުދާސް ޕްރިންޓް ކުރިއިރު ފާހަގަ ފޮހެވޭ ކެމިކަލެއް ބޭނުންކޮށްފައި ވުމާއި، ވޯޓުކަރުދާސް ސަލާމަތީ އުރައިގައި ރަގަޅަށް ބަންދުނުކުރުމާއި، ވޯޓުކަރުދާސް އެމްސެވަންއިން ޗާޕުކުރުން ހިމެނެ އެވެ.
އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ އޮޅުވާލައިގެން: އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ