އައިއޭސީއިން އިދްލިބްގައި ހާލުގައި ޖެހިފައިވާ 128 ޔަތީމު ކުއްޖަކަށް ސްކޫލް ކިޓް ބަހައިފި

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ސޫރިޔާގެ އިދްލިބްގައި ހާލުގައި ޖެހިފައިވާ 128 ޔަތީމު ކުއްޖަކަށް ސްކޫލް ކިޓް ބަހައިފިއެވެ.
ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް، ހިލޭ ސާބަހަށް މަސައްކަތްކުރާ ދިވެހި ޖަމްޢިއްޔާއެއްކަމަށްވާ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީއިން މި އަހަރުގެ މެދުތެރޭގައިވަނީ "އެޕީލް ފޯރ އެމަޖެންސީ ރެސްޕޮންސް އިން އިދްލިބް"ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ކެމްޕެއިންގެ ދަށުން މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މި ކެމްޕޭނުން ލިބުނު އެހީ ސޫރިޔާއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެކިފަހަރު މަތިން ސޫރިޔާއަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ޔަތީމު ކުދިންނަށް ޚާއްސަ އަވަށެއް ހުޅުވުމަށް މިދިޔަ އޮކްޓޯބަރ މަހު އައިއޭސީއިން ކުރި ދަތުރުގައި މި ކެމްޕެއިންގެ ދަށުން ލިބުނު 5 ހާސް އެމެރިކާ ޑޮލަރު ތުރުކީގެ އީހާހާ ޖަމްޢިއްޔާއާއި ހަވާލުކޮށްފައިވާކަން ނާއިފް ފާހަގަކުރެއްވިއެވެ.
ނާއިފް ވިދާޅުވީ، މިދިޔަ ނޮވެމްބަރ މަހުގެ ފަހުކޮޅު އެ ޖަމްޢިއްޔާއިން އިދްލިބްގައި ހާލުގައި ޖެހިފައިވާ 128 ޔަތީމު ކުއްޖަކަށް ސްކޫލް ކިޓް ބަހާފައިވާކަމަށެވެ. މި ސްކޫލް ކިޓްގައި ސްކޫލްދަބަހާއި، ފޮތުގެ އިތުރުން ފަންސޫރުފަދަ ތަކެތި ހިމެނޭކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޙަރަކާތްތެރިވާ ޖަމްޢިއްޔާއެއްކަމަށްވާ، އައިއޭސީއިން އިސްނަގައިގެން، ޔަމަނުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް މިހާރުވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ. މިކެމްޕޭންގެ ދަށުން ފައިސާގެ އެހީ ހޯދުމަށް ތަފާތު ޙަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކެއް އެއްވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ވަނީ ސޫރިޔާގެ އެކި ސަރަހައްދުތަކާއި ރޮހިންގޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ