އިންޑިއާގެ ރައްޔިތެއްކަމަށްވާ ޑރ. އަލަކާ ސިންގް އަށް ބަދަލުގެ ގޮތުގައި 150،000 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ކުށުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައމަދު ނަޝީދުގެ މައްޗަށް ޙުކުމްކޮށްފި އެވެ.
ޑރ. އަލަކާ ސިންގް، ނަޝީދުގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭނާ އިންވެސްޓްކުރި އުޅަނދެއް ކަމުގައިވާ "ބަރުތީލަ" ކުޑަ އަގެއްގައި ނަޝީދު ޭނުންވި ފަރާތަކަށް ވިއްކާލާފައިވާތީ، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ ދައުވާގައި ބުނެފައިވަނީ 400،000 ޑޮލަރަށް އެ އުޅަނދު ވިއްކާލުމަށް ނިންމުމަށްފަހު، އުޅަނދު ވިއްކާލާފައި ވަނީ 250،000 ޑޮލަރަށް ކަމަށެވެ. އެހެންކަމުން އަލަކާ އަށް ގެއްލުންވި 150،000 ޑޮލަރަކީ އޭނާއަށް ލިބެންޖެހޭ އެއްޗެއް ކަމަށާއި އެ ފައިސާ ދެއްކުމަށް ނަޝީދު ވަނީ އެއްބަސްވެފައި ކަމަށްވެސް ދައުވާގައިވެ އެވެ.
އެހެންނަމަވެސް ނަޝީދު ވަނީ ޑރ. އަލަކާ ސިންގް ބުނާފަދަ ޒިންމާއެއް ނަގަންޖެހޭ ގޮތަށް އޭނާ އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށާއި، އެހެންކަމުން އެ ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ.
ސިވިލް ކޯޓުން ނަޝީދުގެ މައްޗަށް ކުރި ޙުކުމްގައި ބުނެފައިވަނީ "ބަރުތީލަ" ވިއްކަން އެއްބަސްވި އަދަދަށްވުރެ ކުޑަ އަގެއްގައި ވިއްކާލާފައިވުމުން، ވިއްކާލަން އެއްބަސްވި އަސްލު އަދަދުން މަދުވާ ފައިސާ ނަޝީދު ދައްކަވާ ގޮތަށް އެއްބަސްވެފައިވާކަން ނަޝީދު ފޮނުއްވާފައިވާ އީމެއިލް އަކުން އެނގޭ ކަމަށެވެ. އެހެންކަމުން މިފައިސާ މިއަދުން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ނަޝީދުގެ މައްޗަށް ޙުކުމްކޮށްފަ އެވެ.
150،000 ޑޮލަރު ދައްކަން މެމްބަރު ނަޝީދުގެ މައްޗަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ