އިންސާފަށް އެދި އަމިއްލަ މެމްބަރު މަޖިލީހުގެ ރައީސްގެ އަރިހަށް!

ބަރުލަމާނީގެ މުގުލަކީ ގާނޫނު ހަދާ މަޖިލީހެވެ. އެތަނުގައި ބާރު ގަދަވާނީ ސިޔާސީ ޕާޓީތަކެވެ. ގަދަވާނީ ވެސް އެ މީހުންގެ ކޮޅެވެ. މިނިވަން މެމްބަރުން ތިބެން ޖެހޭނީ އެ މީހުން ދެއްކި މަގަކުން ހިނގާށެވެ. ރާއްޖޭގެ ބަރުލާމާނީ ހަޔާތް ހަމައެކަނި ގުޅިފައި އޮތީ ރައްޔިތުންގެ މަޖިލީހާ އެވެ. ރިޔާސީ ނިޒާމެއްގައި އެ ތޮށިގަނޑުން ބޭރަކަށް ބަރުލަމާނީއެއް ނުވިއްކޭނެ އެވެ.
ސިޔާސީ ޕާޓީތަކުން އިއްޔެ ވެސް މަޖިލީހުގައި ބާރުވެރިކަން ހޯދަން ކުރި މަސައްކަތުގައި އަމިއްލަ ނޫނީ "މިނިވަން" މެމްބަރަށް ޖެހުނީ އެ ދަތުރުކުރާށެވެ. އެއީ މަޖިލީހުގައި މިހާރު އިންނެވި ހަމައެކަނި މިނިވަން މެމްބަރު، މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދެވެ. އާ މަޖިލީހުގައި ފިކުރު ބަދަލު ނުކޮށް އިންނެވި ހަމައެކަނި އަމިއްލަ މެމްބަރަކީ ވެސް އޭނާ އެވެ.
ދާއިމީ ކޮމެޓީތަކަށް ޕާޓީތަކަށް ދޭނެ ސްލޮޓްތައް ކަނޑައެޅުމުގެ އިހްތިސާސް ލިބިގެންވާ ވަގުތީ ކޮމެޓީން ނިންމާފައި ވަނީ މުއާޒަށް އެންމެ ކޮމެޓީއަކުން ފުރުސަތު ދިނުމަށެވެ. ނަމަވެސް އެއް ގޮތަކުން އޭނާ އާ އެއް ހައިސިއްޔަތެއް އޮތް، ކުޑަ ޕާޓީއަކުން މަޖިލީހަށް ހޮވުނު ހަމައެކަނި މެމްބަރު އަނާރާ ނައީމަށް ވަނީ ދެ ކޮމެޓީއަކުން ފުރުސަތު ދީފަ އެވެ. މުއާޒަށް އެންމެ ގޮނޑިއެއް ދީފައި އަނާރާ އަށް ދެ ގޮނޑި ދިނުމުން މުއާޒަށް އެއީ މައްސަލައެކެވެ.
މަޖިލީހުގެ ގަވާއިދުގެ 107 ވަނަ މާއްދާގެ ށ.ގައި ބުނެފައި އަމިއްލަ މެންބަރުންނަށް ވެސް އެކަށީގެންވާ ވަޒަން ހަމަ ފުރުސަތުތަކެއް ކޮމެޓީން ދިނުމަށް މަޖިލީހުން މަސައްކަތް ކުރަންވާނެ ކަމަށެވެ.
ނަމަވެސް ވަޒަން ހަމަ ފުރުސަތު މުއާޒަށް ދިނުމަށް ކޮމެޓީގެ ބައެއް މެމްބަރުން އިއްޔެ ދެކޮޅު ހެދި އެވެ. އަދި ބައެއް މެމްބަރުން އޭނާ އަށް ލިބިފައިވާ ކޮމެޓީގެ ފުރުސަތު ނަގާލަން މަސައްކަތް ކުރި އެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ކޮމެޓީގެ މަސްއޫލިއްޔަތަކީ ޕާޓީތަކަށް ދޭނެ ސުލޮޓްތައް ކަނޑައެޅުން ކަމަށެވެ. އޭގެ ތެރޭގައި އަމިއްލަ މެމްބަރުން ނުހިމެނޭ ކަމަށެވެ.
މުއާޒުގެ ދިފާއުގައި ކޮމެޓީގައި ވާހަކަފުޅު ދެއްކެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ގާސިމް ވިދާޅުވީ އަމިއްލަ އެންމެ މެމްބަރަކު މަޖިލީހުގައި އިންނެވިޔަސް ކޮމެޓީގައި އޭނާ ހިމަނަން ޖެހޭނެ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މުއާޒު "ސަން"އަށް ވިދާޅުވީ އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ ނައީމަށް ދެ ގޮނޑިއެއް ދެ ކޮމެޓީއަކުން ލިބޭ ނަމަ، އޭނާ އަށް ވެސް މަޖިލީހުގެ ހަމައެކަނި އަމިއްލަ މެމްބަރުގެ ހައިސިއްޔަތުން ދެ ގޮނޑި ލިބެންޖެހޭނެ ކަމަށެވެ. ގެއްލިފައިވާ އިންސާފު ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަަށާއި އެކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ ހ.ގައި ބުނަނީ މިނިވަން މެމްބަރުން ކޮމެޓީތަކުގައި ހިމެނުމުގެ މަސްލަހަތު ހިމާޔަތް ކުރާނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވާ ގޮތުގެ މަތިން ކަމަށެވެ. އެކަމުގައި މަޖިލީހުގެ ރައީސްގެ ދައުރެއް ނެތެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ ށ.ގައި ބުނަނީ ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުވާ މެމްބަރުންގެ މަސްލަހަތުތައް މަޖިލީހުގައި ހިމާޔަތް ކުރާނީ މަޖިލީހުގެ ރައީސް ކަމަށެވެ.
އެ މައްސަލާގައި މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއް މޭޒެއްގެ ދޮަށަށް ގެނައުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވެ އެވެ. އެ މަސައްކަތްޕުޅު މަޖިލީހުގެ ރައީސް އަދާ ކުރެއްވުން މުހިންމެވެ.
މުއާޒާއި އަނާރާ އަށް ލިބިދީފައިވާ ގޮނޑީގެ ތަފާތުކުރުންތަކާ ގުޅޭ ގޮތުން، އެ މަސައްކަތް ކުރެއްވި ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ދެއްވީ ފަސޭހަ ޖަވާބެކެވެ. އޭނާ ވިދާޅުވާ ގޮތުން ދެ ކޮމެޓީއަކުން މުއާޒަށް ޖާގަ ލިބުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް އެކަން ކުރެވެން އޮތީ ޕާޓީތަކުން ބޭނުންވާނަމަ އެވެ.
"ބާރު ބޮޑު ނޫން ކޮމެޓީތަކެއް އެބަ ހުރި. ޕާޓީތަކުގެ ބައެއް މެމްބަރުން ކޮންމެހެން ބޭނުންނުވާ ކޮމެޓީތަކެއް ވެސް އެބަހުރި. އެއިން ކޮންމެ ވެސް އެ ކޮމެޓީއަކުން އިތުރު ޖާގައެއް މުއާޒަށް ލިބިދާނެ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު އެ ވިދާޅުވާ ބާރު ބޮޑު ނޫން ކޮމެޓީތަކަކީ މަޖިލީހުގެ މަސައްކަތް ލުއި ކޮމެޓީތަކެވެ. މަޖިލީހުގެ ދައުރު ތެރޭގައި އެ ކޮމެޓީތަކުގެ މެމްބަރުން އެއްވާނީ މަދު ފަހަރެއްގަ އެވެ.
މުއާޒު ހުރީ އެ ފުރުސަތު ލިބޭ ނަމަ ވެސް ވަރިހަމަވެފަ އެވެ. ކޮމެޓީތަކުން ދެ ގޮނޑި ލިބޭ ނަމަ އޭނާއަށް "އޯކޭ" އެވެ. ނަމަވެސް މުއާޒު ކޮންމެހެން މަސައްކަތް ކުރަން ބޭނުންވާ ކޮމެޓީއެއްވެ އެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އެވެ. އެ ކޮމެޓީ ވެސް އޭނާއަށް ޖާގަ ލިބެން އޮތީ ޕާޓީތައް އެކަމަށް ރުހޭނަމަ އެވެ.
މަޖިލީހުގައި ކޮންމެ ކަމެއް ވެސް ގޮސް ނިމޭނީ ޕާޓީތަކާ ހިސާބުންނެވެ. މަޖިލީހުގައި އަމިއްލަ މެމްބަރަކަށް، މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހަންޏެވެ. ބަރުލަމާނީގައި ތިލަފަތް ބަރުވާނީ ޕާޓީތަކުގެ ކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ