ރައީސް ޔާމީނާއެކު އެއާރޕޯޓު މޫސުން، މުލީގައިވެސް އެއަރޕޯޓެއް

މ. އަތޮޅު ވެރިކަން ކުރާ ރަށް މުލީ ގައިވެސް އެއަރޕޯޓެއް އެޅުއްވުމުގެ އަމާޒު އެބަ އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މުލީ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތަށް އެރަށަށް ވަޑައިގެން ރައްޔިތުންނާ މުޙާތަބުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ފުރުޞަތު ދެއްވައިފިނަމަ، މުލީ ރައްޔިތުން އެއަރޕޯޓަކަށްޓަކައި ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށެވެ.
"މުލީގެ އަތްމަތީގައި އޮތީ މުލީގެ އެއާޕޯޓް އަޅުއްވާނީ ރައީސް ޔާމީން ލައްވާތޯ؟ މުލީގެ ރައްޔިތުން އެކަމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވައިފިނަމަ، މާތް ﷲ ގެ ރަހުމަތުން އެކަންވެސް ވާނެ. މުލީގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މުލީގެ ރައްޔިތުންގެ އުއްމީދުތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަޤީގަތަކަށް ހަދައިދޭނަމޭ." ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ އެއާޕޯޓް (ވީއައިއޭ) ބޮޑުވެގެންގޮސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދިޔުމާއެކު އޭގެ މަންފާ މުޅި ރާއްޖެއަށް އާއްމުކުރަން ބޭނުންވާކަމަށާއި އެކަން ކުރެވޭނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޑޮމެސްޓިކް އެއަރޕޯޓުތަކެއް އަޅައިގެންކަމަށެވެ.
މުލީ އެއަރޕޯޓުގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އެއަރޕޯޓު އެޅުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މިހާރުވެސް ރާއްޖޭގެ 8 ސަރަޚައްދެއްގައި އެއަރޕޯޓުތަކެއް އެޅުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ކުރިއަށް އެބަ ގެންދެއެވެ.
ނ. މާފަރުގައި އަޅާ އެއަރޕޯޓު އަންނަ މަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން އިތުރު 4 އެއަރޕޯޓެއްގެ މަސައްކަތް މުޅިން ނިންމާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުޅުވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ