ސޮލޮމަން އައިލެންޑްސްގެ ޕާލަމެންޓް މެމްބަރުންގެ މުސާރައިން ޓެކްސް ނުނަގާގޮތަށް ނިންމުމުން ރައްޔިތުން ރަތަށް އަރައި، ރައްޔިތުންގެ ނުރުހުން ޕާލަމެންޓަށް އަމާޒު ވެއްޖެއެވެ.
ޕާލަމެންޓް މެމްބަރުންގެ މުސާރައިން ޓެކްސް ނުނަގާގޮތަށް ނިންމުމުގެ އިތުރުން، މެމްބަރުންގެ މުސާރައަށް %4 ގެ ކުރިއެރުމެއް ގެނައުމަށާއި، މެމްބަރުންގެ ޕެންޝަން ޕްލޭންވެސް އިތުރަށް ފުޅާކުރުމަށް ޕާލަމެންޓްގެ ކަންކަމާބެހޭ ކޮމިޝަނުން ވަނީ ކަނޑައަޅައި، އިޢްލާން ކޮށްފައެވެ.
މިކަމާގުޅިގެން ސޮލޮމަން އައިލެންޑްސްގެ ރައްޔިތުން ނުރުހުން ފާޅުކުރަމުން ދާއިރު، ޓްރާންސްޕޭރެންސީ ސޮލޮމަން އައިލެންޑްސް އިން ބުނެފައިވަނީ، މިއީ ވަރަށް ދެކޮޅުނުޖެހޭ ނިންމުންތަކެއް ކަމަށެވެ.
"މިތާނގެ ހޮސްޕިޓަލްތަކުގެ ހާލަތަށް ބަލާބަލަ. މިތާނގެ ސްކޫލްތަކުގެ ހާލަތަށް ބަލާބަލަ. މިތާނގެ އާންމު ޚިދުމަތްތަކާއި، މަގުތަކުގެ ހާލަތަށް ބަލާބަލަ. މެމްބަރުންނަށް އެމީހުންނަށް އެވަރުގެ މުސާރައެއް ހައްގުވާކަމަށް ހީކުރަނީ ކޮންގޮތަކުން؟" ޓްރާންސްޕޭރެންސީ ސޮލޮމަން އައިލެންޑްސްގެ ބޯޑު މެމްބަރެއް ކަމަށްވާ ބޮބް ޕޮލާރޑް ވިދާޅުވިއެވެ.
ޓްރާންސްޕޭރެންސީ ސޮލޮމަން އައިލެންޑްސް އިން މިހާރު ވަނީ މިމައްސަލާގައި ގާނޫނީގޮތުން ސަރުކާރާ ކުރިމަތިލުމަށް ނިންމާފައެވެ.
ޕާލަމެންޓް މެމްބަރުންގެ މުސާރައިން ޓެކްސް ނުނަގާގޮތަށް ނިންމުމާއި، މެމްބަރުންގެ މުސާރައަށް %4 ގެ ކުރިއެރުމެއް ގެނައުމަށާއި، މެމްބަރުންގެ ޕެންޝަން ޕްލޭންވެސް އިތުރަށް ފުޅާކުރުމަށް ނިންމި މައްސަލާގައި ރައްޔިތުން ރުޅިއައުމުން ސޮލޮމަން އައިލެންޑްސްގެ ބޮޑުވަޒީރު މަނާސިހް ސޮގަވާރޭ ފުރަތަމަ ވިދާޅުވެފައިވަނީ، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެވަޑައިގަންނަވާ ކަމަށާއި، އެކަންބޮޑުވުން ހައްލުކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމަށެވެ.
ނަމަވެސް ބޮޑުވަޒީރު ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ދެކޮޅަށް ފަހުން ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވާފައެވެ. ވިދާޅުވެފައިވަނީ، ޕާލަމެންޓް މެމްބަރުންނަށް އެމެމްބަރުން ނިސްބަތްވާ ދާއިރާތަކުން މާލީ ބޮޑެތި ފިއްތުންތައް ކުރިމަތިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ޕާލަމެންޓްގެ ނިންމުން ކުށްވެރިކުރާ ފަރާތްތައް އުޅެމުންދަނީ "ހުވަފެނީ ދުނިޔެއެއްގައި" ކަމަށެވެ.
އިނގިރޭސީންގެ ހިމާޔަތުގައި ކުރިން އޮތް ސޮލޮމަން އައިލެންޑްސްއަކީ ޕެސިފިކް ކަނޑުގައި އޮންނަ އެންމެ ފަގީރު ގައުމެވެ. ސޮލޮމަން އައިލެންޑްސްއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ.
ޕާލަމެންޓް މެމްބަރުންގެ މުސާރައިން ޓެކްސް ނުނަގަން ނިންމުމުން ސޮލޮމަން އައިލެންޑްސްގެ ރައްޔިތުން ރަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ