އޮޅުވާލައިގެން އަނެއްކާވެސް ފައިސާ ހޯދާ މައްސަލަ އިތުރު: ޕޮލިސް

އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަ ހުށަހެޅޭ މިންވަރު އަނެއްކާވެސް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. އެކިމީހުންނަށް ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދަމުންދާއިރު ފުލުހުންގެ މުއައްސަސާގެ ނަމުގައިވެސް ގުޅައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއީ އެންމެވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ މައްސަލައެއް ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވަނީ "ފުލުހުންގެ މުއައްސަސާގެ ނަމުގައި ގުޅައި ފުލުހުން ބަލަމުންދާ މައްސަލަތަކުގައި ގެނެވިފައި ތިބޭ މީހުންގެ ނަންނަމުގައި ފައިސާގެ މުޢާމަލާތު ކޮށްފައިވާ ކަމަށްބުނެ އެކަމުން ސަލާމަތްވާން ބޭނުންނަމަ ވަކި އަދަދަކަށް ފައިސާ ހޯދަން އެދެއެވެ. އެ އަދަދަށް ފައިސާ ހޯދަން އެމީހެއްގެ ބެންކް އެކައުންޓްގެ މައުލޫމާތު ހޯދުންފަދަ ކަންކަން ކޮށްފައި ހުންނަކަން ފާހަގަ ކުރެވެއެވެ."
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މުއައްސަސާއިން ފޯނުން ގުޅައި ފައިސާގެ އެފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމިގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެކިއެކި ޕްރޮމޯޝަން ތަކުގެ ނަމުގައި ގުޅައި ޕްރޮމޯޝަން ކާމިޔާބު ކުރެވުނުކަން ހާމަކޮށްދީ ބެންކަށްގޮސް އޭޓީއެމްތަކުން ސްލިޕް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ރީލޯޑާއި ރާސްޓަސް ފޮނުވައިދިނުމަށް އެދުމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފުލުހުންނާއި ބެންކްތަކުންނާއި މުވާސަލާތީ ކުންފުނިތަކުން އަދި އެހެނިހެންވެސް ވިޔަފާރި ކުންފުނިތަކުން ދަނީ ރައްޔިތުންނަށް ނަސޭހަތްތެރި ވަމުންނެވެ. ބެންކްތަކުން ގެންދަނީ ފައިސާގެ މުޢާމަލާތްތައް އެގޮތަށް ނުކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރަމުންނެވެ.
ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުން ދަނީ ފޯނު މެދުވެރިކޮށް ފައިސާ އަތުލެވޭފަދަ އެއްވެސް ވިޔަފާރިއެއް އަދި ޕްރޮމޯޝަނެއް ނުހިންގާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އޮޅުވާލައިގެން ފައިސާ ހޯދުމަށްކުރަމުންދާ ފޯންކޯލްތަކަށް ބައެއް ފަރާތްތަކުން މިހާރުވެސް އިޖާބަދީ ފައިސީ ފޮނުވަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެހެން ކަމުން އެފަދަ ކޯލްތަކަށް އިޖާބަނުދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ