ސަރުކާރުން ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވައިފި އެވެ.
ތިލަދެކުނު ޝަރަފުވެރިކަމުގެ އިނާމު ދިނުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ އުމަރު ވިދާޅުވީ މިސަރުކާރުން ކުޅުދުއްފުށި މަތިން ހަނދާން ނުނެތޭ ކަމަށާއި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުންވި ވައުދު ފުއްދާނެ ކަމަށެވެ.
"ރައީސް އަބްދުﷲ ޔާމީން ވަނީ ކުޅުދުއްފުށީ ރައްޔިތުންނަށް އެއާޕޯޓެއް އަޅައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި،" އުމަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި އަޅާ އެއާޕޯޓަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ އެއާޕޯޓެއް ނޫން ކަމަށާއި އެއީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަޅާނެ އެއާޕޯޓެއް ކަމަށެވެ. އެ މަޝްރޫއު ފެށުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ.
ކުޅުދުއްފުށި އެއާޕޯޓް އެޅުމާއި ގުޅޭ އެމްއޯޔޫތަކެއްގައި ވަރަށް އަވަަހަށް ސޮއިކުރާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. އެގޮތުން އެއާޕޯޓުގެ ފީސިބިލިޓީ ހަދައިދޭނެ ފަރާތަކާއި އެއާޕޯޓުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިމަސް ނިމުމުގެ ކުރިން އެކަމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންނެވި ގޮތަށް ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާފައި ނުވާތީ ކުޅުދުއްފުށި ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު ހަދާ ފަރާތަކަށް ފަޅު ރަށެއް 50 އަހަރަށް ކުއްޔަށް ދިނުމަށާއި އަދި އެ އެއާޕޯޓް ހަދާ ފަރާތުން އެތަން ހިންގަން ބޭނުންނަމަ 25 އަހަރަށް އެ އެއާޕޯޓް ކުއްޔަށް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުންނެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލުމުން ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ އެމްޓީސީސީގެ އިތުުރުން ޑެންމާކާއި، ލަންކާ އާއި ކުވައިތު ކުންފުންޏަކުންނެވެ. ނަމަވެސް އަދި ވަކި ފަރާތަކަށް މިމަސައްކަތް ހަވާލުކޮށްފައެއް ނުވެ އެވެ.
މިސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ