ފަހްމީއަށް ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދިނުމަށް ހުކުމްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ ރައީސް މުހައްމަދު ފަހްމީ ހަސަނަށް ދައުލަތުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ހުކުމްކޮށްފި އެވެ.
ސީއެސްސީގެ ރައީސް ކަމުގައި ފަހްމީ ހުންނަވަނިކޮށް އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ އޭނާ މަގާމުން ދުރުކުރީ 20 ނޮވެމްބަރު 2012 ގައެވެ. އޭނާ މަގާމުން ދުރުކުރީ ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުުރުމުގެ ތުހުމަތުގަ އެވެ.
ފަހްމީ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ފަހްމީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ފަހްމީ އެދިވަޑައިގެންނެވި ގޮތަށް އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އޭގެ ފަހުން މިމައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން ފަހްމީ ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިންމާ މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ގެެއްލުމުގެ ބަދަލެއްގެ ގޮތުގައި ފަހްމީއަށް 421،000 އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ހުކުމްކުރާ ކަމަށެވެ. އަދި މިފައިސާ ދެމަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށްވެސް އަންގާފައިވެ އެވެ.
އެއީ ފަހްމީ ސީއެސްސީގެ ރައީސް ކަމުން ވަކިކުރުމަށްފަހު ސަރުކާރުގެ ވަަޒީފާއެއް އަލުން ލިބުމާ ހަމައަށް އޭނާއަށް ލިބެންޖެހޭ ފައިސާ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.
ފަހްމީ މިހާރު ހުންނެވީ މެލޭޝިޔާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރުގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ