އަބްދުﷲ ދީދީއަށް މަގާމުގެ ފަތްކޮޅު ދެއްވައިފި

ފަނޑިޔާރު އަބްދުﷲ ދީދީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހަމަޖައްސެވި ކަމުގެ ލިޔުން މިއަދު ހަވާލުކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ދީދީއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ނައިބްރައީސް މުހައްމަދު ފައިސަލް އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އަބްދުﷲ ދީދީ ހަމަޖައްސަން ޖޭއެސްސީން ނިންމީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. ޖޭއެސްސީގައި މިކަަމަށްޓަކައި ވަނީ ސިއްރު ވޯޓެއް ނަގާފަ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަހްމަދު ޝަރީފްގެ ސުލޫކީ މައްސަލައެއް ސާބިތުވެ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހު އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށް ޖުވެނައިލް ކޯޓަށް ބަދަލުކުރުމާއި ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހު އަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނަވަނިކޮށެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އަބްދުލްޣަނީ މުހައްމަދާއި، ޝުއައިބު ހުސައިން ޒަކަރިއްޔާއާއި، އަލީ ސަމީރާއި، ޝުޖާއު އުސްމާންއާއި، އަބްދުއްރައޫފް އިބްރާހިމާއި، އަބްދުﷲ ހަމީދުގެ އިތުރަށް ޑރ. އަޒްމިރަލްދާ ޒާހިރު އެވެ.
ޝުއައިބާއި، ޣަނީއާއި، އަޒްމިރަލްދާ ވަނީ ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފަ އެވެ. ދެކުނު ގޮފީގެ އިސް ފަނޑިޔާރަކީ އަބްދުލްޣަނީ އެވެ. ދެކުނު ގޮފި ހިންގަނީ އައްޑޫ ސިޓީ ހުޅުމީދޫގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ