ރިޔާސީ އިންތިހާބާ ގުޅޭ މަސައްކަތްތަކުން ހަނީފާ ދުރުކޮށްފި
އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓާއި ކޮމްޕްލެއިންޓްސް ބިއުރޯ ހިންގެވުމާ ހަވާލުވެ ހުންނެވި ހަނީފާ ހާލިދާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ ބަލަައިނިމެންދެން ރިޔާސީ އިންތިހާބާ ގުޅޭ މަސައްކަތްތަކުން އޭނާ ދުރުކޮށްފި އެވެ.އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން މިއަދު ވިދާޅުވީ ހަނީފާގެ މައްސަލައިގައި އަންނަ ހަފުތާގައި ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ. "އެއީ ރިޔާސީ އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް. އެހެންވެ ރިޔާސީ އިންތިހާބާ ގުޅޭ މަސައްކަތްތަކުން އެކަނި އޭނާ ދުރުކުރަން ނިންމީ. އެހެން މަސައްކަތްތަކުގައި ބައިވެރިވާނެ،" ފަޔާޒު ވިދާޅުވި އެވެ.އުނގޫފާރު ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޑރ. އަހުމަދު އަޝްރަފްގެ އަނބިކަނބަލުން ހަނީފާ ސިޔާސީ ޓްވީޓްތައް ކުރައްވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީންނެވެ.މިދިޔަ ހަފުތާގައި ހަނީފާގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު ޕީޕީއެމްގެ ތަރުޖަމާން އަހުމަދު މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދައުލަތުގެ އެންމެ މަތީ ޝަރަފް އެރުވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން "އެއީ ލެއިން ތަތްތެޅިފައިވާ އެވޯޑެއް ކަމަށް" ހަނީފާ ޓްވީޓް ކުރެއްވި ކަމަށެވެ. އެއީ އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ސުލޫކާ ގުޅޭ ކަމެއް ނޫން ކަމަށް މަހްލޫފު ވިދާޅުވި އެވެ.ފުލުހުން ހުށަހެޅި ހަނީފާގެ ސުލޫކީ މައްސަލައެއް އެޓާނީ ޖެނެރަލް އޮފީހުން ވެސް ދަނީ ބަލަމުންނެވެ. ގާނޫނީ ވަކީލުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރަނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ