ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވަކިން ޖަލްސާ ބާއްވައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި މައްސަލާގައި އޭނާއާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ނިންމާނީ ކައުންސިލުން ކަމަށް ސުލޫކު ކޮމެޓީން މިއަދު ބުނެފި އެވެ.
އޭނާ ޕާޓީން ވަކިކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރޭ ރިޕޯޓްކުރި ހަބަރު ދޮގުކުރައްވައި ސުލޫކު ކޮމެޓީގެ މުގައްރިރު އަދި މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު "ހަވީރަ"ށް ވިދާޅުވީ އުމަރާ މެދު ހުށަހަޅާފައިވާ މައްސަލާގައި އިއްޔެ ބައްދަލުވުމެއް ބާއްވައި އޭނާއާ ދޭތެރޭ އަޅާނެ ފިޔަވަޅެއް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ރިޕޯޓް ހުށަހަޅައި އެ ރިޕޯޓް ފައިނަލް ކުރުމަށް ފަހު އެ މައްސަލަ ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީޑިއާތަކުން ގެނައި ހަބަރު ދޮގުކުރަން. އެއީ ކަނޑައެޅިގެން ދޮގެއް. މިހާރު އެކުލަވާލާފައިވާ ޑްރާފްޓުގައި މިއަދު[ސުލޫކު ކޮމެޓީގެ] ފަސް މެމްބަރުން ސޮއިކުރެއްވުމަށް ފަހު ކައުންސިލަށް ހުށަހަޅާނަން،" އަޒީޒު ވިދާޅުވި އެވެ.
މީޑިއާ އަށް އެކަމުގެ މައުލޫމާތު ހިއްސާކުރައްވާނީ ކައުންސިލަށް ރިޕޯޓް ހުށަހެޅުއްވުމަށް ފަހު ކަމަށް އަޒީޒު ވިދާޅުވި އެވެ.
އުމަރުގެ މައްސަލަ ސުލޫކު ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ އެވެ.
ޕްރައިމަރީ އަށް ފަހު ވަކިން ޖަލްސާ ބާއްވައި އުމަރު ވަނީ ބޮޑެތި ތުހުމަތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ޕްރައިމަރީގައި ފައިސާގެ ނުފޫޒު ފޯރުވައި ބޮޑެތި އޮޅުވާލުންތަކާއި މަކަރު ހަދާފައިވާ ކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީގެ ކޮންޓްރޯލް އޮތީ ޔާމީންގެ އަތްޕުޅުގައި ކަމަށް ވިދާޅުވުމުގެ އިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ ކުޑަކުއްޖާއާ ޔާމީން ބައްދަލުކުރައްވަނިކޮށް ފެނިވަޑައިގެންނެވި ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އެ ތުހުމަތުތަކަށް މާފަށް އެދިވަޑައި ނުގަންނަވާނެ ކަމަށާއި އޭނާ ޕާޓީން ވަކިކޮށްފި ނަމަ އެ ޕާޓީ އަށް ބިން ހެލުމަށް އަންނާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. އަދި އުމަރުގެ ތުހުމަތުތަކުގެ މައްސަލާގައި ޕީޕީއެމް ލީޑަޝިޕްގެ ގިނަ ބަޔަކު ތިބީ އޭނާއާ މެދު ހިތްހަމަނުޖެހިފަ އެވެ.
އުމަރު ޕާޓީން ވަކިކުރާކަށް އަދި ނުނިންމަން: ސުލޫކު ކޮމިޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ