އެމްޑީޕީ އަކީ ވެސް އަޅުގަނޑު ކުރި މަސައްކަތުގެ މޭވާއެއް: ގާސިމް

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއަކީ ވެސް އޭނާ ކުރެއްވި އިސްލާހީ މަސައްކަތުގެ "މޭވާއެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވީ 1980ގެ އަހަރުތަކުގެ ތެރޭގައި ސިޔާސީ އިސްލާހީ މަސައްކަތްތައް ފެށުނީ އޭނާގެ ވަރަށް ބޮޑު އެއްބާރުލުމާއެކީގައި ކަމަށެވެ.
އިސްލާހީ ހަރަކާތްތައް ހިންގައި ރައްޔިތުން ބޭނުންވާ ހަރުދަނާ ބަދަލުތައް ގެނައުމަށްޓަކައި އެކި ދުވަސްވަރު އެކި ބޭފުޅުން އޭނާއާ ގުޅިވަޑައިގެންނެވި ކަމަށާއި އޭގެތެރެގޭގައި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެހެން ޕާޓީތަކުގެ ވެސް އިސް ސަފުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުންނާއެކު އަޅުގަނޑު ފެށި އިސްލާހީ ދަތުރުގެ އެއް މޭވާއަކީ މިއަދު މިދެކޭ ގާނޫނު އަސާސީ. ރާއްޖޭއަށް ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކޮށްދިނުމަށް މަގުފަހިކޮށްދިން ފެހި ގާނޫނު އަސާސީ. އޭގެ ދެވަނަ މޭވާއަކީ ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ. ތިން ވަނަ މޭވާއަކީ ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ އިންތިހާބާއި އެ އިންތިހާބުގެ ނަތީޖާ،" ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ދިވެހިން ބޭނުންވި ހަގީގީ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށާއި އެމީހުން ބޭނުންވި ޑިމޮކްރެސީ ގާއިމު ނުކުރެވުނު ކަމަށެވެ.
"އެހެން ކަމުން ދަރިންގެ ހައްގުގައި އަޅުގަނޑު ފެށި އިސްލާހީ މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަކީ އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ ގައުމީ އަދި ދީނީ ވާޖިބަކަށް ވެއްޖެ،" އޭނާ ވިދާޅުވި އެވެ
ދިވެހިން އެދޭ ހިތްހަމަޖެހުމާއި ތިޔާގިކަން ގެނެސްދީ އަދި ގައުމު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކޮށް ދިނުމަށްޓަކައި ޖުމްހޫރީ ޕާޓީން ވަނީ ކަމަރު ބަނދެ ދަތުރު ފަށާފައި ކަމަށާއި އެ ޕާޓީގެ އޮޑި ބަނދަރުކުރާނީ ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ހިނިތުންވުމާއެކު އަދި ދިވެހިން ބޭނުންވާ ވެރިކަން ގާއިމުކޮށްދީފައި ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ