މާރާމާރީތަކުގައި ހިމެނޭ މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނާނަން: އުމަރު

މި ދުވަސްވަރު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ މާރާމާރީތަކުގައި ބައިވެރިވާ މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އުމަރު ނެރުއްވި ބަޔާނެއްގައިވަނީ މިހާރު ހިންގަމުންދާ އެކިއެކި މާރާމާރީތަކުގައި ބައިވެރިވާ މީހުންނާއި ވަކިން ޚާއްސަކޮށް މީހުން މެރުމުގައި ބައިވެރިވަމުންދާ މީހުން ހައްޔަރުކޮށް، ޝަރީއަތުގެ ކުރިމައްޗަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ގަސްދުގައި މީހުން މަރާ މީހުންގެ މައްޗަށް ކުރެވޭ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އެއްވެސް މިންވަރަކަށް ސަރުކާރުން ޖެހިލުން ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާރު ހިންގަމުންދާ މާރާމާރީތައް ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ޚާއްސަ އޮޕަރޭޝަނެއް ވެސް ފުލުހުން މިހާރު ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖެއަކީ ކުށް މަދު އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުން ގެންދާކަމުގެ ޔަގީންކަން ވެސް އަރުވަން،" އެ ބަޔާނުގައިވެ އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މާލޭގައި އެކަނި ވެސް ނުވަ މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާއިރު އޭގެ ތެރެއިން އެކަކު ރޭ ވަނީ މަރުވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކ. ތުލުސްދޫގައި ވެސް މީހަކަށް ވަޅިން ހަމަލާދީ ވަނީ މަރާލައިފަ އެވެ.
މާލޭގައި ހިނގި ވަޅި ހެރުމުގެ ހާދިސާތަކާ ގުޅިގެން 12 މީހަކު ހައްޔަރު ކުރިއިރު ރޭ މަރުވި 18 އަހަރުގެ ޒުވާނާގެ މަރާ ގުޅޭ ގޮތުން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. ނަމަވެސް ތުލުސްދޫގައި ހިނގި މަރާ ގުޅިގެން އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ