ވ. ފުލިދޫ ކައުންސިލްގެ ރައީސް ބުޝްރީ މޫސާ ދެ މަސް ދުވަހަށް ގޭގައި ބަންދުކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ބާތިލްކޮށްފި އެވެ.
ބުޝްރީ ގޭގައި ބަންދުކުރުމަށް ހުކުމްކުރީ އެރަށު ކައުންސިލްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިނުގަތުމުންނެވެ. އެގޮތަށް ހުކުމްކުރުމުން އެ މައްސަލަ ބުޝްރީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ ބުޝްރީ ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ އޭނާގެ އަމިއްލަ މައްސަލައަކާ ގުޅިގެން ނޫން ކަމަށާއި އެއީ އެ ރަށު ކައުންސިލްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އޭނާ އަކީ އެ ކައުންސިލްގެ ރައީސް ކަމަށްވި ނަމަވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލައިގައި ޖަވާބުދާރީވުމުގެ ބާރު އޭނާއަށް ނުލިބޭހާ ހިނދަކު އެ މައްސަލައިގައި ބުޝްރީއަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ބުޝްރީ ކޯޓަށް ހާޒިރުކޮށްފައިވަނީ އެ މައްސަލައިގައި ކައުންސިލްގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅައި، އެކަން ކޯޓަށް އަންގާނެ ކަމަށް ބުނެ އެ ކައުންސިލުން ކޯޓަށް ސިޓީ ފޮނުވާފައި ވަނިކޮށް ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލައިގެ ޝަރީއަތުގައި ބުޝްރީ ޖަވާބުދާރީ ނުވުމަކީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދުގައި ބުނާ ފަނޑިޔާރުގެ އަމުރަށް ނުކިޔަމަންތެރިވުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެކަންކަމަށް ރިއާޔަތްކޮށް ބުޝްރީ ގޭގައި ބަންދުކުރުމަށް ފުލިދޫ ކޯޓުން ކުރި ހުކުމް ބާތިލްކޮށްފައިވަނީ ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.
ހައި ކޯޓުގެ ހުކުމުގައި އިތުރަށް ވަނީ ފުލިދޫ ކޯޓުގެ އެ ހުކުމާ ގުޅިގެން ބުޝްރީ އަށް ލިބެންޖެހޭ އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ލިބިފައިނުވާނަމަ އެއީ ވަކި މައްސަލައެއް ކަމަށާއި އެފަދަ މައްސަލައެއް އޮތްނަމަ ކަމާބެހޭ ކޯޓަކަށް އެ މައްސަލައެއް ހުށަހެޅުމުގެ ބާރު ބުޝްރީއަށް ލިބިގެންވާ ކަމަށެވެ.
ފުލިދޫ ކައުންސިލްގެ ރައީސް ގޭގައި ބަންދުކުރުމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ