ސިއްހީ ދާއިރާގެ ބިލްތައް އަވަހަށް މަޖިލީހަށް ހުށަހަޅަން މެމްބަރު ރޮޒެއިނާ ގޮވާލައްވައިފި

ސިއްހީ ދާއިރާއާ ގުޅޭ އިތުރު ގާނޫނުތަކެއް ނެތި، ސިއްހީ އިހުމާލަށް ބަދަލު ނެގުމަކީ މުޅި އެ ދާއިރާ ހުއްޓުމަކަށް އަތުވެދާނެ ކެމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނުމަކީ ސަރުކާރުގެ ނާގާބިލުކަން ކަމަށާއި އެހެންވެ ސިއްހީ ދާއިރާ އަށް ބޭނުންވާ ބިލްތައް އަވަހަށް ހުށަހެޅުމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ގޮވާލައްވައިފި އެވެ. އޭނާ މިހެން ވިދާޅުވީ، ސިއްހީ ހިދުމަތުގެ ގާނޫނާއި ސިއްހީ ދާއިރާގެ ހިދުމަތްތެރިންގެ ޒިންމާތަކާއި އެ މީހުންގެ ހިމާޔަތާ ގުޅޭ ގާނޫނެއް ނެތި، ސިއްހީ އިހްމާލަށް ޒިންމާ އުފުލަން ޖެހި، އޭގެ ބަދަލު ނަގައިދޭން ފަށައިފި ނަމަ، ސިއްހީ ދާއިރާ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ރޭ ވިދާޅުވެފައިވާތީ، އެއަށް ރައްދު ދެއްވުމަށްޓަކައި އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. ސިއްހީ އިހްމާލުގެ ބިލް ހުށަހެޅުއްވި ރޮޒައިނާ ވިދާޅުވީ ބަހަނާ ދެއްކުމުގެ ބަދަލުގައި، ސިއްހީ ހިދުމަތުގެ ބިލާއި ހެލްތު ޕްރޮފެޝަނަލްސްގެ ބިލް ހުށައެޅުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ބިލެއް ހުށަހަޅާއިރަށް ސިއްހީ ދާއިރާ ހުއްޓުމަކަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ބިލެއް ހުށަހަޅާއިރަށް ސިއްހީ ދާއިރާ ހުއްޓުމާކީ ސަރުކާރުގެ ނާގާބިލުކަން.
....ސަރުކާރުގެ ނާގާބިލު ކަމުގެ އަގު ރައްޔިތުން އަދާކުރާކަށް ނުޖެހޭނެ،" ރޮޒެއިނާ ވިދާޅުވި އެވެ. އެހެން ބިލްތައް ހުށަހަޅަންދެން، ސިއްހީ އިހުމާލުގެ ބިލް މަޑުޖައްސާލައިފި ނަމަ، ސިއްހީ ދާއިރާ ރަނގަޅުވުމަށް އަނެއްކާ ވެސް އިތުރު ދުވަސްތައް ނަގާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސިއްހީ އިހުމާލުގެ ބިލުގައި އުނިކަންތައްތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް އެއީ ރައްޔިތުންގެ މަޖިލީހުގެ ބަހުސްގެ މަރުހަލާގައި މަޝްވަރާކޮށް، އަދި އެހެން ބޭފުޅުންގެ ހިޔާލު ހޯދައިގެން ރަނގަޅު ކުރެވޭނެ ކަންކަން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރޭ "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ސިއްހީ ހިދުމަތްތެރިންނަށް ގާނޫނަކުން ހިމާޔަތް ނުލިބި، އިހުމާލަށް ޒިންމާވާން ޖެހުމުން، އެ މީހުން ހިދުމަތަށް ނުކުތުމަށް ޖެހިލުންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ