ޒަކާތު ފައިސާ ބެލެހެއްޓުމަށް ކައުންސިލެއް އުފައްދަނީ

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަލަހައްޓައި، ފައިސާ ބޭނުންކުރާ ގޮތް ހާމަކަން ބޮޑު ގޮތެއްގައި އެނގޭނެ ގޮތް ހެދުމަށް މި އަހަރު ކައުންސިލެއް އުފައްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ މި ކައުންސިލަކީ މި އަހަރު ފާސްކުރެވޭތޯ މަސައްކަތްކުރާ ޒަކާތާ ބެހޭ ގާނޫނުގެ ދަށުން އުފައްދަންޖެހޭ އިދާރާއެއް ކަމަށެވެ. ޒަކާތާ ބެހޭ ގާނޫނުގެ ބިލް މިއަހަރު ފާސްވެ ގާނޫނަކަށް ވާނެކަމުގެ ޔަގީންކަން ބޮޑު ކަމަށް މިނިސްޓްރީން ބުންޏެވެ.ކައުންސިލް އުފެއްދުމުން، ޒަކާތު ފަންޑުގެ ދަށުން ހިންގަމުން އަންނަ ކަންކަން އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ޒަކާތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭއިރު، ފަގީރުންނާއި ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ބެހުމަށް ފަހު، އެހެނިހެން ކަންކަމަށް ކުރާ ހަރަދުތައް، އެ ކައުންސިލްގެ ދަށުން ހަރުދަނާ ކަމާއެކު ބެލެހެއްޓޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ތެރޭގައި ކައުންސިލް އެކުލަވާލާނެ ކަމަށެވެ. ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ކޮންމެ އަހަރަކު ވެސް ގިނަ ކަންތައްތަކެއް ކުރެ އެވެ. އެގޮތުން ދަރިވަރުންނަށް މަތީ ތައުލީމު ހޯދުމަށް އެހީ ދިނުމާއި ލޭ އަޅާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އެހީ ދިނުމުގެ އިތުރުން ޑޮކްޓަރުން އުފެއްދުމަށް ވެސް މި ދިޔަ އަހަރު އެ ފަންޑުން ބޮޑެތި އެހީތަކެއް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ