ޕާޓީ ބަދަލުކުރިއަސް ކައުންސިލްގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ކައުންސިލަރު ކަމަށް އިންތިހާބުވާއިރު ހުންނަ ޕާޓީ ފަހުން
ބަދަލުކުރިޔަސް ނުވަތަ ޕާޓީން ވަކިކުރިޔަސް ކައުންސިލް މެމްބަރުކަމުގެ
ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިވުމުން ކައުންސިލް ގޮނޑި
ގެއްލޭނެ ކަމަށް ގާނޫނުގައި އޮންނަ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކުރީ އެއީ
ގާނޫނު އަސާސީއާ ހިލާފް މާއްދާއެއް ކަމަށް ކަނޑައަޅައިދިނުން އެދި
މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އިބްރާހިމް ރިޒާ
އާއި ގާނޫނީ ވަކީލް ޝަހީމް އަހުމަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި
މައްސަލައިގަ އެވެ. އެ މައްސަލައިގެ ތެރެއަށް ސ. ހިތަދޫ ލާމިގޭ މޫސާ
އަންވަރު ވެސް ވަނީ ތަދައްހުލްވެފަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި
ގެއްލޭނެ ކަމަށް އޮތުމަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30
ވަނަ މާއްދާގެ (ހ) އާ ހިލާފް ކަމެއް ކަމަށެވެ. އަދި ޑިމޮކްރެޓިކް
މުޖްތަމައުތަކުގައި މިގޮތަށް ގޮނޑި ގެއްލެނީ ޕާޓީތަކުން ހުށަހަޅާ
ލިސްޓަކަށް ވޯޓު ދޭ ތަންތަނުގައި ކަމަށް ވެސް ހުކުމުގައިވެ އެވެ. ނަމަވެސް
ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ދެނީ ޕާޓީތަކަށް ނޫން ކަމަށާއި
ވޯޓު ދެނީ ވަކި ފަރުދުންނަށް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ
ގާނޫނުގެ 119 ވަނަ މާއްދާގެ (ބ) ބާތިލްކުރާ ކަމަށް އެ މައްސަލަ ބެއްލެވި
ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ހުކުމްކުރައްވައިފަ އެވެ.
އިދާރީ ދާއިރާތައް ލާމަރުޒަކީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ
މާއްދާގެ (ބ) ގައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން
ކައުންސިލް މެމްބަރުކަމަށް އިންތިހާބުވާ ފަރާތްތައް އިންތިހާބުވިއިރު
ނިސްބަތްވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ އެ
މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން މި މައްސަލައިގައި ރައުޔު
ތަފާތުވެފައި ވަނީ، ކުރިން ވެސް ގިނަ ހުކުމްތަކުގައި އާންމުކޮށް ރައުޔު
ތަފާތުވާ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ އެވެ. އޭނާގެ ރައުޔަކީ ޕާޓީ
ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ.
ޕާޓީ ބަދަލުވުމުން ކައުންސިލަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުގައި
ހިމެނިޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރިޔަސް
ގޮނޑިއެއް ނުގެއްލެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ